ކުޅިވަރު

އައިޓީއެފް ކޮލިިފިކޭޝަންގައި ވާދަކުރާ ޓެނިސް ޓީމާއި މިނިސްޓަރ މަޙުލޫފް ބައްދަލުކުރައްވައިފި


އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)ގެ 12 އަހަރުން ދަށުގެ ދެކުނު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަން ބުރުގައި ވާދަކުރާ ޓީމާއި ޔޫތް މިނިސްޓަރ އަހުމަދު މަޙުލޫފް ބައްދަލުކުރައްވައިފިއެވެ.

ކޮލިފިކޭޝަން ބުރުގެ މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21ން 29އަށް ބަންގްލަދޭޝްގައެވެ. ކޮލިފިކޭޝަން ބުރުގައި ރާއްޖެއާއިއެކު ސަރަޙައްދުގެ ހަތް ޤައުމަކުން ވާދަކުރާނެއެވެ. އެއީ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ.

ކޮލިފިކޭޝަން ބުރުގައި ރާއްޖެއިން ވާދަކުރާ ޓީމުގައި ހިމެނެނީ ފިރިހެން 3 ކުޅުންތެރިންނާއި އަންހެން 3 ކުޅުންތެރިންނެވެ. އެއީ މުހައްމަދު ކައިސާން އިއްޒަތް ރަޝީދް، މުހައްމަދު މީކާއިލް އަހުމަދު، ދާއޫދް ޝަހީބް، އަޔާ ޝާފީ ސައީދު، ލުލުއާ ބިންތް ހަސަން އަރީފް އަދި އާރާ އާސަލް އާޒިމެވެ.

މީޑިއާތަކާއި ވާހަކަދައްކަމުން ޓީމުގެ ކޯޗު ކުމާރް އަދިކަރި ބުނީ ޓީމުގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށާއި ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރާކަމަށެވެ. އަދި ރާއްޖޭގެ ކުޅުންތެރިންނަކީ ހުނަރުވެރި ކުޅުންތެރިންތަކެއްކަން ފާހަގަކޮށް ކޯޗު ބުނީ ސަރަޙައްދީ ފެންވަރުގައި ވާދަކުރުމުގެ ހުނަރު ދިވެހި ކުޅުންތެރިންގެ ކިބައިގައި އެބަހުރިކަމަށެވެ.

މި މުބާރާތަށް ކޮލިފައިވާނީ ކޮލިފިކޭޝަން ބުރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ 2 ޤައުމެވެ.