ޚަބަރު

ރޯދަމަހަށްފަހު ޕާކިން ސްޓިކަރ ޖެހި އުޅަނދުތަކުގެ ޢަދަދު 40 އިންސައްތަ އިތުރުވެއްޖެ!


ރަމަޟާން މަސް ނިމުމަށްފަހު ޤަވައިދާ ޚިލާފަށް ޕާކުކޮށްގެން ޕާކިންގް ސްޓިކަރ ޖެހި ވެހިކަލްތަކުގެ އަދަދު %40 އަށްވުރު އިތުރުވެފައިވާކަން ފުލުުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ހަފްތާއަކު އެއްފަހަރު ޢާއްމު ކުރާ ތަފާސްހިސާބުތައް ދައްކާގޮތުން މިިދިޔަ ޖޫން މަހުގެ 08އިން ފެށިގެން 14ގެ ނިޔަލަށް މާލޭ ސިޓީގައި 978 ވެހިކަލެއްގައިވަނީ ޕާކިންގް ސްޓިކަރ ޖަހާފައެވެ.

އަދި މިިދިޔަ ޖޫން މަހުގެ 08އިން ފެށިގެން 14ގެ ނިޔަލަށް މާލޭ ސިޓީގައި 31 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. މީ އޭގެކުރީ ހަފްތާއާ އަޅާ ބަލާއިރު 07 އެކްސިޑެންޓް މަދު އަދަދެކެވެ. އެކްސިޑެންޓްތަކުގައި އެކަކު ޒަޙަމްވެފައިވާއިރު އޭގެ ކުރީގެ ހަފްތާގައި މިއަދަދު ހުރީ 11 ގައެވެ.

އެހެންނަމަވެސް، ނިމިދިޔަ ހަފްތާގައި ޤަވައިދާ ޚިލާފަށް ޕާކުކޮށްގެން ޕާކިންގް ސްޓިކަރ ޖެހި ވެހިކަލްތަކުގެ ޢަދަދުވަނީ އިތުރުވެފައެެވެ. މިދިޔަ ހަފްތާގެ ތެރޭގައި ޤަވައިދާ ޚިލާފަށް ޕާކުކޮށްގެން 978 ސްޓިކަރ ވަނީ ޖަހާފައެވެ. އޭގެ ކުރީ ހަފްތާގައި ޖެހި ސްޓިކަރގެ ޢަދަދަކީ، 568 އެކެވެ. އެހެންކަމުން ރަމަޟާންމަހަށްފަހު ޤަވައިދާ ޚިލާފަށް ޕާކުކޮށްގެން ޕާކިންގް ސްޓިކަރ ޖެހި ވެހިކަލްތަކުގެ ޢަދަދު %40ވަނީ އިތުރުވެފައެވެ. މިއަހަރުގެ ރަމަޟާން މަހު ސްޓިކަރ ޖެހި ވެހިކަލްގެ ޢަދަދުވަނީ ދަށްވެފައެވެ. އެގޮތުން މިއީރަމަޟާން މަސް ފެށުނުއިރު މިޢަދަދު ހުރީ 800 ގައެވެ.

މިިދިޔަ ހަފްތާގައި 486 ވެހިކަލެއް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އަދި 04 ވެހިކަލެއް ފުލުހުން ވަނީ ޓޯރވެސްކޮށްފައެވެ. ޤަވައިދާއި ޚިލާފަށް ޕާކުކޮށްގެންނާއި، ގިނަ ދުވަސްވެ ބާވެފައިވާ އުޅަނދުތަށް ފުލުހުންދަނީ ޤަވައިދުގެ ދަށުން ޓޯކުރަމުންނެވެ. އަދި ޓޯޔާޑްގައި ނުގެންގޮސް ގިނަ ދުވަސްތަކެއްވެފައިވާ ހުރި 79 ވެހިކަލްއެއް މިދިޔަ ހަފްތާގައި ވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ނައްތާލައިފައެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓަށް މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ލައިސަންސްނެތި ދުއްވުމުގެ މައްސަލަތަކެވެ. އެގޮތުން ލައިސެންސް ނެތި ދުުއްވި 143 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރޭގައި 18 އަހަރު ނުފުރޭ 2 ކުއްޖެއްގެ މައްސަލަވެސް ހިމެނެއެވެ.

މީގެ އިތުރުން ޤަވާއިދުގައި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވައިގެން 56 ވެހިކަލެއް ހިފަހައްޓާފައިވާއިރު، ހެލްމެޓް ނާޅާ ދުއްވި 03 މައްސަލައެއް މިދިޔަ ހަފްތާގައި ހުށައަޅާފައިވާކަމަށް ޓްރެފިކް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.