ޚަބަރު

ފެބްރުއަރީ 1 އަމުރުގައި ސޮއިކުރުމަށްފަހު، އެއަމުރު ބާޠިލްކުރި 3 ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއަށް


2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1ވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރުގައި ސޮއިކުރުމަށްފަހު، ފަހުން އެއަމުރު ބާޠިލްކަމަށް ކަނޑައަލައި ސޮއިކުރި 3 ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު ޢަބްދުﷲ ޢަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައެއް އަމިއްލަފަރާތަކުން ޖޭއެސްސީއަށް ހުށަހަޅާފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

2018ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހު ނެރުނު މަޝްހޫރު އަމުރުގައި ވަނީ އޭރު ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ޙުކުމް ތަންފީޒުކުރުމަށް ޖަލުގައި ޤައިދީންގެގޮތުގައި ތިއްބެވި ސިޔާސީ އިސް ބޭފުޅުންތަކެއް ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އެ އަމުރާއެކު އޭރުގެ ސަރުކާރުންވަނީ، އެއަމުރު ނެރުނީ ސުޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުން ރިޝްވަތު ނަންގަވައިގެންކަމަށާ، އެއީ ޤާނޫނާ ޚިލާފު އަމުރެއްކަމަށް ތުހުމަތުކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ފަނޑިޔާރު ޢަލީ ހަމީދު ހައްޔަރުކޮށްފައެވެ.

އޭގެފަހުން ސުޕްރީމްކޯޓުންވަނީ އެއަމުރުގެ ބައިބަޔަށް ބާޠިލްކޮށްފައެވެ. އަމުރު ބާޠިލްކުރީ އަމުރު ނެރެން ސޮއިކުރި ފަސް ފަނޑިޔާރުންގެތެރެއިން ހައްޔަރުނުކޮށް ތިއްބެވި ތިން ފަނޑިޔާރުންނެވެ.