ޚަބަރު

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ބްރިޖުތަކަކުން ގުޅުވާލަނީ


މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ބްރިޖަކުން ގުޅާލުމުގެ މަޝްރޫޢު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅަން ނިންމައިފިއެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ވެބްސައިޓުގައިވާ ގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ބްރިޖަކުން ގުޅާލުމުގެ މަޝްރޫޢުއަށް 488 މިލިއަން ޑޮލަރު ނުވަތަ 7.5 ބިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ތިލަފުށްޓަށް އެމްޕީއެލް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްއޮތްކަން ފާހަގަކޮށް، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ވެބްސައިޓުގައި ވަނީ މި މަޝްރޫޢުގެ ސަަބަބުން މި ސަރަހައްދުގެ ދަތުރުފަތުރު ފަސޭހަވެ، އިގްތިޞާދީ ގޮތުން ފައިދާތަކެއް ކުރާނެކަމަށް މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ވެބްސައިޓުގައިވެއެވެ. މީގެއިތުރުން މާލެއާއި ގްރޭޓަރ މާލެ ރީޖަން ގުޅާލުމުން މިހާރު މާލޭގައި ހުރި ގުދަންތައް، އިންޑަސްޓްރިއަލް ސަރަހައްދަށް ބަދަލުކޮށް، މުދާ އުފުލުމުގައިވެސް ފަސޭހަތައް ލިބިގެންދާނެކަން ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫޢުގެ އިތުރުން މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރު ފަސޭހަކުރުމަށްޓަކައި މާލޭ ސަރަހައްދުގައި މިނީ ބަސް ސަރވިސް ފެށުމަށް ބޭނުންވާ 8.2 މިލިއަން ޑޮލަރުގެ މަޝްރޫޢުވެސް ވަނީ ޕާޓްނަރޝިޕް ފޯރަމަށް ހުށަހަޅަން ނިންމާފައެވެ.

މާދަމާ ކުރުނބާ މޯލްޑިވްސްގައި ފަށާ ޕާޓްނާޝިޕް ފޯރަމްގައި 35 ގައުމުން 130 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި ބޭރުގެ ބައެއް މާލީ އިދާރާތައްވެސް ހިމެނެއެވެ. މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމުގައި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާއާއި، ޤައުމީ ތަރައްޤީގެ ޕްލޭނާއި ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުން މަޢުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ފޯރަމަށް ކަނޑައަޅާފައިވާ މައިގަނޑު ޝިޢާރަކީ "ދެމެހެއްޓެނިވި އަދި ފުދުންތެރި ރާއްޖެއަށް ބިނާކުރުމުގައި ބައިވެރިވުން" މި ޝިއާރެވެ.