ޚަބަރު

މީހަކު ރަހީނުކުރި މައްސަލާގައި ފަޒީލްގެ މައްޗަށް ދައުވާކުރަނީ


ލ.ގަމުގައި އުމުރުން ދުވަސްވީ މީހަކު ރަހީނުކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް ފަޒީލްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ. ފުލުހުން ވިދާޅުވީ، ލ.ގަމުގައި ޢުމުރުން 44 އަހަރުގެ މީހަކު ރަހީނުކޮށް، ތޫނު އެއްޗަކުން ބިރުދައްކާ އޭނާގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ފޭރިގަނެފައިވާކަމުގެ ތުހުމަތުގައި ފަޒީލް ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ފިލައިގެން އުޅެނިކޮށް މިދިޔަ މަހުގެ 7 ވަނަ ދުވަހުކަމަށެވެ.

މިދިޔަ 2 ވަނަ ދުވަހު ލ.ގަމުގައި ޢުމުރުން 44 އަހަރުގެ މީހަކު ރަހީނުކޮށް، އޭނާގެ އަތުން 8،900ރ. ފަޒީލް ފޭރިގަނެފައިވާކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ޢަދި އެމީހާ ދުކޮށްލުމަށްފަހު އަނެއްކާވެސް އޭނާއަށް ބިރު ދައްކައިގެން ފައިސާ ހޯދަން ފަޒީލާއި އިތުރު ދެމީހަކު މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ލ.މާމެންދޫ ޝިމާ ނާފިޒް ގެއްލުނު ހާދިސާއާއި އޭގެ ފަހުން ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅުނު މައްސަލާގައިވެސް ފުލުހުން ފަޒީލް ހައްޔަރުކޮށްފައިވެއެވެ. ޢެހެންނަަމަވެސް މި ދެ މައްސަލައިގެ ތަހުޤީގަށްފަހު ފަޒީލްވަނީ ދޫކޮށްލާފައެވެ. މި މައްސަލައިގައި ފަޒީލްގެ މައްޗަށް ދައުވާކުރުމަށްވެސް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 22ވަނަ ދުވަހު ޑިންގީއެއްގައި ލ.މާމެންދުއަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު ޢުމުރުން 19 އަހަރުގެ އާމިނަތު ޝީމާ ނާފިޒު ދަތުރުކުރި ޑިންގީ ދުއްވި އިބްރާހިމް ފަޒީލް ޝިމާ ގެއްލުނު މައްސަލާގައި ފަޒީލް ދައްކާފައިވާ ވާހަކަތަކާމެދު ޝައްކު އުފޭދޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވެފައިވަނީ ފަޒީލް ދީފައިވާ ބަޔާން، އެނަލައިޒްކޮށް، ބަޔާންތަކުގައި އޭނާގެ މިޒާޖު ހުރި ގޮތް، ފަންނީ މާހިރުންގެ އެހީގައި ދިރާސާ ކުރަމުންދާކަމަށެވެ.