ވިޔަފާރި

ސްވިޓްޒަލޭންޑުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް


ސްވިޓްޒަލޭންޑުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަތަރުމަސް ނިމުނު އިރު ރާއްޖެއަށް ސްވިޓްޒަލޭންޑުން 16،352 (ސޯޅަހާސް ތިންސަތޭކަ ފަންސާސް ދެ) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ހުސްވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 15،735 ( ފަނަރަހާސް ހަތްސަތޭކަ ތިރީސް ފަސް) ފަތުރުވެރިންނާއި އަޅާބަލާއިރު %3.9 ( ތިނެއް ޕޮއިންޓް ނުވައެއް) އިންސައްތަ އިތުުރު އަދަދެކެވެ.

ސްވިޓްޒަލޭންޑުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަަށް ލިބެމުންދާ ކުރިއެރުމާއި އެކު އެޤައުމު ހިމެނެނީ ރާއްޖެއަށް 10 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުގެ ގޮތުގައެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ މުޅި ޖުމްލަ ފަތުރުވެރިންގެ %2.5 އަކީ އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުންނެވެ.
ޔޫރަޕަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ސަރަޙައްދެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ހަތަރުމަސް ތެރޭ އެ ސަރަޙައްދުގެ ޤައުމުތަކުން ރާއްޖެއަށް 357،650 ( ތިން ލައްކަ ފަންސާސް ހަތްހާސް ހަސަތޭކަ ފަންސާސް) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ %55 ހިއްސާއެވެ.