ޚަބަރު

ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން ވަރަށް އަވަހަށް ނިމޭނެ


ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭންގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މާދަމާ ބާއްވާ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފޮރިން މިިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވި ސަރުކާރުގެ ވިސްނުމަކީ ދުރު ރާސްތާ ޕްލޭނެއް އެކުލަވާލާ އޭގެ ދަށުން ތަރައްޤީގެ މަޝްރޫއުތައް ހިންގުންކަމަށެވެ. މި ގޮތުން އެޑީބީއާއި ވޯލްޑް ބޭންކާއި އެނޫންވެސް އެފަދަ ޖަމިއްޔާތަކުގެ އެހީއާއި އެކު އެކުލަވާލަމުން ގެންދާ ނޭޝަނަލް ޑިވޮލަޕްމަންޓް މާސްޓަރ ޕްލޭންގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެކަމަށެވެ.

މި ޕްލޭންގެ އިތުރުން ރާއްޖޭގެ ސްޕެޝަލް ޕްލޭނެއް އެކުލަވާލަމުން އަންނަކަމަށާއި މި ޕްލޭންގައި ރާއްޖެއިން ސިޓީތަކަށް ހަދާނީ ކޮންކޮން ސަރަހަދުތަކަކެއްކަމެއް ކޮންމެ ސަރަހަފދެއްގައި ހިންގާނީ ތަރައްޤީގެ ކޮން މަޝްރޫއުތަކެއްކަން ކަނޑައެޅިގެންދާނެކެމަށްވެސް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

" ރާއްޖޭގެ ކޮންކޮން ސަރަހަދެއްކަން ސިޓީތައް ޑިވޮލޮޕްކުރާނީ ޓައުންސްތައް ހަދާނީ އަދި އެ ހުރިހާ ތަނެއްގައި ހުންނާނީ ކޮންކޮން ހިދުމަތްތަކެއްކަން އެ ހުރިހާކަމެއް ރަގަޅަށް ޕްލޭން ކުރެވިގެން އެ ޕްލޭންކުރާ ތަންތަނަށް މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދުމަށް މި މަސައްކަތް ކުރާނީ " ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްޤީކުރަން ބޭނުންވާ ކަންކަމާއި ފެނާއި ނަރުދަމާ ތަރައްޤީކުރުމުގެ މަޝްރޫތަކާއި އެ ނޫންވެސް މަޝްރޫއުތައް ކަނޑައަޅާ މިކަމުގެ މައުލޫމާތުތައް އިންވެސްޓަރުންނަށް ފޯރަމްގެ ތެރެއިން ލިބިގެންދާނެކަމަށެވެ.