ސިއްހަތު

ސުޕަރ ސްޕެޝަލިސްޓުންގެ މާލެއާއި އަތޮޅުތެރޭގެ 9 ތަނަކުން ދެނީ


މިއަދުން
ފެށިގެން މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ސުޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތް
މާލެއާ އަތޮޅުތެރޭގެ ޖުމްލަ 9 ތަނަކުން ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.



ސުޕަރ
ސްޕެޝަލިސްޓުންގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްގެ ދެވަނަބުރު
ފެށުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ސިޓްރޮން ރެސްޓޯރެންޓްގައި ބޭއްވި ރަސްމިއްޔާތުގައި އާސަންދަ
އޮފީހުން ބުނީ މިއަދުން ފެށިގެން މިމަހުގެ ފަނަރަވަނަ ދުވަހާ ހަމައަށް އަތޮޅުތެރޭގެ 5 ތަނަކުންނާއި މާލޭގެ 4
ތަނަކުން ސުޕަރ ސްޕެޝަލިސްޓުންގެ ޚިދުމަތް ލިބޭނެކަމަށެވެ. މިގޮތުން އަތޮޅުތެރޭގެ
ރަށްރަށުން މި ޚިދުމަތް ލިބޭނީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ރީޖަނަލް
ހޮސްޕިޓަލާއި، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ހޮސްޕިޓަލާއި، މާޅޮސްމަޑުލު
ދެކުނުބުރީ އަތޮޅު ހޮސްޕިޓަލާއި، ކޮޅުމަޑުލު އަތޮޅު ހޮސްޕިޓަލުގެ އިތުރުން
އައްޑޫސިޓީގެ ރީޖަނަލް ހޮސްޕިޓަލުންނެވެ.



އަދި
މާލެއިން މި ޚިދުމަތް ލިބޭނީ ސެނެހިޔާއާއި، ނޫސަންދައާއި، ދަމަނަ ވެއްޓާ ހުޅުމާލެ
ހޮސްޕިޓަލުންކަމަށް އާސަންދަ އޮފީހުން ބުނެއެވެ. ސުޕަރ ސްޕެޝަލިސްޓުންގެ ދެވަނަ
ބުރާބެހޭ ގޮތުން މީޑިޔާއަށް މައުލޫމާތުދެއްވަމުން ހެލްތް މިނިސްޓަރ އަހުމަދު
ޒުހޫރު ވިދާޅުވީ ސުޕަރ ސްޕެޝަލިސްޓުން ގެނެސްގެން ޚިދުމަތް ދިނުމަށް މިހާރު
ކުރިޔަށް މިގެންދެވޭ ޕްރޮގްރާމަކީ ސަރުކާރުން ވަޢުދުވެފައިވާ ކޮންމެ އާއިލާއަކަށް
ޑޮކްޓަރެއް ހަމަޖެއްސުމުގެ ވައުދާވެސް 
މުސްތަޤްބަލުގައި ގުޅިގެންދާނެ ޕްރޮގްރާމެއްކަމަށެވެ.



ސުޕަރ
ސްޕެޝަލިސްޓުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި މިހާރު އެންމެ ގިނަ މީހުން ފަރުވާ
ހޯދާ ބަލިތައްކަމަށްވާ ހިތުގެ ބަލިތަކާއި، ނާރުގެ ބަލިތަކާއި، ކަށީގެ ބަލިތަކާއި،
ކެންސަރުގެ ބަލިތައްފަދަ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުންކަމަށް އާސަންދަ އޮފީހުން
މަޢުލޫމާތުދެއެވެ.



މީޑިޔާއަށް
މައުލޫމާތުދެއްވަމުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ސީއީއޯ މުޖްތަބާ
ޖަލީލް ވިދާޅުވީ ރާއްޖެއަށް މިހާރު މިގެނެވޭ ސްޕެޝަލިސްޓުންނަކީ އަވަށްޓެރި
ގައުމުތަކުގައި ތިބި ފެންވަރުމަތީ ރަނގަޅު ޑޮކްޓަރުންކަމަށާއި، އެހެންނަމަވެސް
މިޕްރޮގްރާމްގެ ތެރެއިން ޚިދުމަތްދިނުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކާ
ގުޅިގެން އޭޝިޔާ ސަރަހައްދު ނުން ސަރަހައްދު ތަކުންވެސް ޑޮކްޓަރުން ހޯދުމަށް
މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.



އެންސްޕާއިން
ބުނީ ކޮންމެ މަހަކުވެސް މިޚިދުމަތް ކަނޑައެޅިފައިވާ ދުވަސްތަކެއްގައި ދިނުމަށް
ހަމަޖެހިފައިވާކަމަށެވެ.