މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އަންގައިދޭ ހަރަކާތްތައް ކުރިއަށް އޮތްތަނުގައިވެސް ގިނައިން ކުރިއަށް ގެންދިއުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ އިލްތިމާސް ކުރައްވައިފިއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާ ފާހަގަކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން މިއަދު ކުރިއަށް ގެންގޮސްފައިވަނީ އެކަމަށް ޚާއްސަ ފެއަރ އެކެވެ. މައުލޫމާތާއި ކުޅިވަރު އަދި ލައިވް މިއުޒިކް ހިމެނޭ މި ފެއަރ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. މި ފެއަރގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު މީޑިޔާއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ ބޮޑެތިވަމުން އަންނަކުދިންނަށް މުހިންމު މައުލޫމާތުތަކެއް މިފަދަ ހަރަކާތްތަކުން ލިބިގެންދާނެ ކަމަށެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަކީ ކިހާ މުހިންމު ކަމެއްކަން މިފަދަ ޙަރަކާތްތަކުން އެނގިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާ ފާހަގަ ކުރުމުގެ ގޮތުން މިއަދު ރަސްފަންނުގައި ބޭއްވި ފެއަރގައި ތަފާތު އެކި ސްޓޯލްތައް ވަނީ ބަހައްޓާފައެވެ. އެ ސްޓޯލްތަކުގައި ހަރަކާތްތެރިވެފައިވަނީ އެޗްޕީއޭއާ ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީއާ ރެޑްކްރެސެންޓާއި ސިޓީ ކައުންސިލާއި ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލްގެ އިތުރުން ޔޫތް މިނިސްޓްރީންނެއެވެ. މި ސްޓޯލްތަކުގައި ކުޑަކުދިންނާއި ގުޅޭ ކުޅިވަރުތަކާއި ފޮޓޯނެގުމާއި ކުއިޒްފަދަ ކަންކަން ވަނީ ކުރިއަށްގެންގޮސްފައެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ހަފްތާ ފާހަގަކުރުމަށް އިއްޔެ ހަވީރުވަނީ ހިނގާލުމެއްވެސް ކުރިއަށްގެންގޮސްފައެވެ. މިމަހުގެ 11 އިން 17 އަށް ފާހަގަކުރާ މި ހަފްތާގައި މިއަދު ކުރިއަށްގޮސްފައިވަނީ ރޯޑް ސޭފްޓީ ފެއަރއެވެ. އަދި ޖޫން 17 ވަނަ ދުވަހު ރޯޑް ސޭފްޓީއާއި ބެހޭ ޕެނަލް ޑިސްކަޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.