ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައި ބޭފުޅަކު ސޮއި ކުރައްވާ ލިޔުމަކުން ވަޒީފާ ހަމަޖައްސަވައި، ސިޔާސީ މުވައްޒަފުންގެ ވިހެއުމުގެ ޗުއްޓީއަށް އަމަލުކުރާ އުޞޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުގައި ޝާއިޢު ކޮށްފައިވާ މި އުޞޫލުގައި ވަނީ ވިހެއުމާ ގުޅިގެން ދޭ ޢިނާޔަތްތައް ދެވޭނީ ބަލިވެއިނދެ ހަތާވީސް ހަފުތާގެ ފަހުން ވިހައިފި ނަމަ ކަމަށް ބުނެފައެވެ. މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެ މުވައްޒަފަކަށް، އެސެޓްފިކެޓުގައި ބުނާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ޗުއްޓީއެއް ، ބަންދު ދުވަސްތައް ހިމަނައިގެން ހަމަ މުސާރައާއެކު ދެވޭނެ ކަމަށްވެސް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
މުވައްޒަފަކު ބަލިވެއިނދެ 27 ހަފުތާގެ ފަހުން ވިހޭއިރު، ދަރިފުޅުގެ ފުރާނަ ނެތްނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 43 ވަނަ މާއް ދާގައިވާ ގޮތުގެމަތީން ބަލިވެއިނުމާއި ނުވަތަ ވިހެއުމާއި ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީއެއް މުވައްޒަފު ވިހާދުވަހުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި، މުސާރައާއެކު ދެވޭނެ ކަމަށްވެސް މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
މި އުޞޫލުގައި ބުނެފައިވާ ގޮތުގައި މުވައްޒަފަކު ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ޞިއްޙީ ޙާލަތު ތަންނުދޭކަމަށް ބަޔާން ކުރާ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅައިފިނަމަ، ވިހެއުމުގެ ކުރިން ބަންދު ދުވަސްތައް ހިމަނައިގެން 28 ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭގޮތަށް އެ މުވައްޒަފަށް ދެވޭނެ އެވެ.
މުވައްޒަފަކު ބަލިވެއިންތާ 16 ހަފްތާއަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ދަރިފުޅު ބައިގެން ދިއުން ފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަން ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުން ބަންދު ދުވަސްތައް ހިމަނައިގެން ، މުސާރަ ލިބޭގޮތަށް، 10 ދުވަހުގެ ޗުއްޓީއެއް ދެވިދާނެ ކަމަށް ސިޔާސީ މުވައްޒަފުންގެގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ފަދަ ޙާލަތަކީ މި އުސޫލުގައި ބަޔާން ކުރާ ވިހެއުން ކަމަކަށް ނުބެލޭނެ ކަމަށްވެސް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
މި އުޞޫލުގައި ބުނެފައިވަނީ ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން މުސާރަލިބޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުސާރަލިބޭ ޗުއްޓީއެއް ތިރީގައިވާ ގޮތުގެމަތީން ދެވޭނެ ކަމަށެވެ. އަދި ދަރިފުޅު ހިތާނުކުރުމާ ގުޅިގެން ބަންދު ދުވަސްތައް ހިމަނައިގެން ފަސް ދުވަހުގެ ޗުއްޓީ އެއްވެސް ލިބޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.