ކުޅިވަރު

ޕްރިމިއަރ ލީގްގެ ފުރަތަމަ މެޗް ދަ ގްރާންޑޭ ކާމިޔާބުކޮށްފި


ދިވެހި ޕްރިމިއަރ ލީގްގެ ފުރަތަމަ މެޗް ދަ ގްރާންޑޭ ކާމިޔާބުކޮށްފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގްގެ ފުރަތަމަ މެޗް ދަ ގްރާންޑޭ ކާމިޔާބުކުރީ ފ. ނިލަންދޫއާއި ވާދަކޮށް 2 ލަނޑު 0 ލަނޑުންނެވެ. މިއީ ފުރަތަމަ ޑިވިޝަންގައި ދަ ގްރާންޑޭ ކުޅުނު ފުރަތަމަ މެޗްއެވެ.

އެއްވެސް ފޯރިއެއް ނެތް މި މެޗް ބެލުމަށް ދަނޑަށްވެސް ވަދެފައިވަނީ ވަރަށް މަދު ބައެކެވެ. އާންމުކޮށް ލީގް ހުޅުވާ މެޗްގައި ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް ރޭގައި އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. އަދި އެފްއޭއެމްގެ އެއްވެސް އިސްވެރިއެއްވެސް ރޭގެ މެޗްގައި ދަނޑުގައި ނެތްކަން ފާހަގަކޮށްލަން ޖެހެއެވެ. ރޭގެ މެޗް ޝަރަފްވެރިކޮށްދިނީ ގައުމީ ޓީމްގެ ކޯޗް ޕީޓަރ ސެގާޓްއެވެ.
ރޭގެ މެޗްގައި ދަ ގްރާންޑޭއިންވަނީ މެޗްގެ ފުރަތަމަ މިނެޓްގެ ތެރޭގައި ލީޑް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ވިޖުދާންއެވެ. ހުސްކޮށް އޮތް ދަނޑެއްގައި ކުޅުނު މިމެޗްގައި ދަ ގްރާންޑޭގެ ދަވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ 82ވަނަ މިނެޓްގައި ތޮލާލް ނަސީރުއެވެ.

ދިވެހި ޕްރިމިއާރ ލީގުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުއެވެ. އަދި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ ށ. ފޯކައިދޫ އާއި ޔުނައިޓެޑް ވިކްޓްރީއެވެ.