ކުޅިވަރު

މޮރީޝަސް މުބާރާތުގެ އެއްވަނަ ސީޑް ބަލިކޮށް ނަބާހާއާއި ނަބީހާ ސެމީ ފައިނަލަށް!


މުބާރާތުގެ އެއްވަނައަށް ސީޑްކޮށްފައިވާ ޕެއަރ ބަލިކޮށް ރާއްޖޭގެ އާމިނަތު ނަބީހާ އަދި ފާތިމަތު ނަބާހާ މޮރީޝަސް އިންޓަނޭޝަނަލް ސީރީސްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިހާރު ކުރިއަށްދާ މޮރީޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ނަބީހާ އަދި ނަބާހާގެ ޕެއަރ ކުއާޓަރ ފައިނަލްގައި ނިކުތީ މުބާރާތުގެ އެއްވަނައަށް ސީޑްކޮށްފައިވާ މިސްރުގެ ޑޮހަ ހަނީ އަދި ހަދިއާ ހުސްނީގެ ޕެއަރއާއި ދެކޮޅަށެވެ. ދުނިޔޭގެ ރޭންކިންގގެ 70ވަނައިގައި އޮތް ޑަބަލްސް ޕެއަރ އަތުން ރާއްޖޭގެ އުއްމީދީ ދެ ކުޅުންތެރިން މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ.

ނަބީހާއާއި ނަބާހާ ބަލިކުރި މިސްރުގެ ޕެއަރވަނީ 2015އިން ފެށިގެން މި މުބާރާތާއި ހަމައަށް ކުޅުނު ހުރިހާ ބީޑަބްލިއުއެފްގެ މުބާރާތްތަކުގެ ޑަބަލްސް ފައިނަލްގައި ވާދަކޮށްފައެވެ. 8 މުބާރާތުގެ ތެރެއިން 7 މުބާރާތުގެ ޗެމްޕިއަންކަންވެސް މި ޕެއަރ ހޯދިއެވެ. ބީޑަބްލިއުއެފްގައި ނަބީހާ އަދި ނަބާހާގެ ޑަބަލްސް ރޭންކަކީ 186އެވެ. މި މޮޅާއިއެކު ދެ ކުޅުންތެރިންނަށް ދުނިޔޭގެ ރޭންކިންގގައި ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ބެލެވެއެވެ.


މުބާރާތުގެ ޑަބަލްސް ކުއާޓަރ ފައިނަލްގައި ރާއްޖޭގެ ނީލާ ނަޖީބާއި މައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއަރވަނީ މޮރީޝަސްގެ ދެ ކުޅުންތެރިން އަތުން ބަލިވެ ކަޓާފައެވެ. މުބާރާތުގެ ދެވަނަ ސީޑްކަމަށްވާ މޮރީޝަސްގެ ކޮބީތާ އަދި މެރީ އެލީސާ އަތުން ނީލާއާއި މައިސާގެ ޕެއަރ ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ.

މުބާރާތުގެ މިކްސް ޑަބަލްސް ކުއާޓާރ ފައިނަލްގައި މިއަދު ނީލާ ނަޖީބާއި ނަޝިއު ޝަރަފުއްދީން ވާދަކުރާނެ. ދެ ކުޅުންތެރިން ނިކުންނާނީ މުބާރާތުގެ ތިންވަނަ ސީޑް އެމެރިކާގެ ހޮވާޑް އަދި ޕައުލާގެ ޕެއަރއާއި ދެކޮޅަށެވެ.