ޚަބަރު

ސަމާލުވޭ ބައެއް ރަށްތަކަށް އުދަ އަރަމުންއެބަދޭ


ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރަމުންދާތީ އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީއާއި ބ.އޭދަފުށްޓަށާއި ރ އިނގުރައިދޫއަށް މިއަދު އުދަ އަރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

މާލޭ ކާނިވާ ސަރަހައްދާއި ރާޅުގަނޑު ސަރަހައްދަށް އުދަ އަރަމުންދާތީ އެ ސަރަހައްދުގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނަގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ބ.އޭދަފުށީގެ އުތުރު ފަރާތުން ބަނދަރު ސަރަހައްދުން ރަށުތެރެއަށް އުދައަރަމުން ދާތީ ސަމާލުވުމަށް އެރަށު ކައުންސިލުން ވަނީ އަންގާފައެވެ. އޭދަފުއްޓައް އުދައަރަން ފަށާފައިވަނީ މިއަދު 11:30 ހާއިރުއެވެ.

ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ދިޔަރުބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރުކޮށްފާނެކަމަށް ލަފާކޮށްފައިވާކަމަށާ، މިހާތަނަށް އައިރު އުދައަރަމުންދާކަމުގެ މައުލޫމާތު ލިބިފައިވަނީ ރާއްޖޭގެ 4 ރަށަކުންކަމަށެވެ. އެގޮތުން މާލެއާއި އޭދަފުއްޓާއއި އައްޑޫ ސިޓީގެ އިތުރުން ރ އިނގުރައިދޫއަށްވެސް އުދަ އަރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

މޫސުމާބެހޭ ގައުމީ އިދާރައިން ބުނީ މިއަދު ރާއްޖޭގެ މޫސުން ރަނގަޅު ނަމަވެސް، މިދުވަސްވަރަކީ ކަނޑުގެ ލޮނުގަނޑު އުފުލި ރާޅުގެ ބާނި ބޮޑު ދުވަސްވަރަކަށްވުމުން، ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ. އެންޑީއެމްއޭއިން ވަނީ އުދައަރަމުންދާ ވަގުތުތަކުގައި ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށް. އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެކަމަށް އެ އިދާރާއިން ބުނެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުނޅަގު ދެކުނުން ގަޑިއަކު 06 މޭލާއި 15 މޭލާދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭއިރު އެހެން ހިސާބުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއވެެ.