ޖިނާއީ ޢަދުލުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ދެމެހެއްޓޭނީ އަދުލު އިންސާފު ޤާއިމްކުރާތަން ފެނިގެންކަމަށް ޕްރޮސިކިއުޓަރ ޖެނަރަލް ޢާއިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.
ޕީ.ޖީ ބިޝާމް މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަފަހައްރަށް ބާއްވާ "ޕްރޮސިކިއުޓަރުންގެ މަހާސިންތާ 2019" ފައްޓަވައި ދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ޕީޖީ އާއިޝަތު ބިޝާމް ވިދާޅުވީ މީގެ 2 އަހަރެއްހާ ދުވަސްކުރިން ރާއްޖޭގައި ފުރަތަމަފަހަށް ޤާނޫނަކުން ލާޒިމްކުރާ ޖިނާޢީ އިޖުރާޢަތަކަށް އަމަލުކުރަން ފެށިނަމަވެސް އަދިވެސް ކަމާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތައް މިގެނެވުނު ބަދަލުތަކަށް ބީރައްޓެހިކަން ފާހަގަކުރެވޭކަމަށެވެ.
އެގޮތުން ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގެ ދަށުން އެކި ކުށްކުށަށް ތުހުމަތުކުރެވޭ މީހުންނާއި، ނިސްބަތުން ކުދި ކުށްކުރާ މީހުންނަށް ލިބިދޭ ލުއިތަކަށް މިނިޒާމުގެތެރޭގައި މަސައްކަތްކުރާ ފަރާތްތައް އެކަށީގެންވާވަރަށް ހޭލުންތެރި ނުވާކަމަށާއި، މިނިޒާމަށް ރައްޔިތުންގެ އިތުބާރު ކުޑަވުމަކީ ކަންބޮޑުވެވަޑައިގަންނަވާކަމެއްކަމަށް ބިޝާމް ވިދާޅުވިއެވެ.
މީގެ ސަބަބުން ޖިނާޢީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ މުއައްސަސާތަކަށްވެސް ގޮންޖެހުންތަކަކާ ކުރިމަތިވާނެކަން ފާހަގަކުރައްވަމުން ޕީޖީ ވިދާޅުވީ ރައްޔިތުން މިނިޒާމަށް ކުރާ އިތުބާރު ދެމެހެއްޓޭނީ ދެމެހެއްޓެނިވި މުހިއްމު ބަދަލުތަކެއް ގެނެސްގެންކަމަށެވެ.
"މަލްޓި ސްޓޭކްހޯލްޑަރ މަހާސިންތާއެއްގެ ފެށުން އަޅުގަނޑުމެން މިއަދު ފާހަގަކުރާއިރު، އަޅުގަނޑު ދެކޭގޮތުގައި މިދަންނަވާ ބަދަލުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ މި ނިޒާމުގެތެރޭގައި ހިމެނޭ މުއައްސަސާތަކަށް. ރައްޔިތުން ބަލައިގަންނަފަދަ އުސޫލުތަކަށް އަމަލުކުރުމަށް މުއައްސަސާތަކުން ކުރާ މަސައްކަތްތައް ހަމަހަމަ ދެފުށްފެންނަ އުސޫލަކުން ކުރުމަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް. އެހެންކަމުން އިންސާފުޤާއިމުވެގެންދާތަން ރައްޔިތުންނަށް ފެންނަން އެބަޖެހޭ" އާއިޝަތު ބިޝާމް ވިދާޅުވިއެވެ.
ޕްރޮސިކިއުޓަރ ޖެނަރަލް އާއިޝަތު ބިޝާމް ވިދާޅުވީ ދިވެހިރާއްޖޭގެ ޖިނާޢީ އަދުލުގެ ނިޒާމް ބައްޓަންވެފައިވާ ގޮތުން އެ ނިޒާމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރައްވަނީ ޕީޖީ އޮފީހުންކަމަށާއި، އަދުލު އިންސާފާއި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރެއްވުމަށްވެސް އެންމެ މުހިއްމު ދައުރެއް އަދާކުރައްވާ ދައުލަތުގެ މުއައްސަސާއަކީ ޕީޖީ އޮފީސްކަމަށެވެ.
ޖިނާޢީ މައްސަލަތައް ޕްރޮސިކިއުޓް ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުމުގެ ކަންކަން އެ އޮފީހުން ކޮންމެދުވަހަކުވެސް ކުރައްވާކަމަށާއި ޤާނޫނުތައް ތަންފީޒުކުރުމައްތަކާއި ބައެއް މުއައްސަސާތަކުން އެކުލަވާލަންޖެގޭ ޤަވާއިދުތައް މިއާދާ ހަމައަށް އައިރުވެސް އެކުލަވާލާފައި ނުވާތީ ޕީޖީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިއާއެކު ޕީޖީ ވަނީ ޖިނާޢީ ޢަދުލުގެ ނިޒާމު ފުރިހަމަކުރުމަށް ވުޖޫދަށް ގެންނަންޖެހޭ ޤަވާޢިދުތައް ވީހާވެސް އަވަހަށް ހަދައި ފުރިހަމަކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކަށް ގޮވާލައްވާފައެވެ.
"މިޤާނޫނުތައް ތަންފީޒުކުރުމައްޓަކައި ބައެއް މުއައްސަސާތަކުން އެކުލަވާލަންޖެހޭ ޤާވާއިދުތައް މިއަދާ ހަމައަށް އައިއިރުވެސް އެކުލަވާލާފައި ނުވާކަމީ އަޅުގަނޑު ކަންބޮޑުވާކަމެއް. އޭގެ ނޭދެވޭ އަސަރު މުޅި ނިޒާމައަށް އަންނަނީ ކުރަމުން. އެހެންކަމުން ޖިނާޢީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ގިނަ މުއައްސަސާތަކުގެ އިސްވެރިން މިތަނުގައި ތިއްބެވުމާއެކު، އަޅުގަނޑު އިލްތިމާސްކުރަން ބޭނުން މި ނިޒާމް ފުރިހަމަކުރުމަށްޓަކައި ވުޖޫދަށް ގެންނަންޖެހޭ ޤަވާއިދުތައް ހަދައި ފުރިހަމަކުރުމަށް. އަދި ތައާރުޒުވާ ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް އަވަސްކުރަންޖެހޭކަމަށްވެސް އަޅުގަނޑުދެކެން" ޕީޖީ ބިޝާމް ވިދާޅުވިއެވެ.
"ޕްރޮސިކިއުޓަރުންގެ މަހާސިންތާ 2019" ގެ ނަމުގައި ތިން ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި މަހާސިންތާއަކީ ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމާއި ދަޢުވާކުރުމުގައި ދިމާވާ މައްސަލަތަކާއި، ތަޙްޤީޤްކުރުމާއި ދަޢުވާކުރުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދައި، ޕްރޮސިކިއުޓްކުރުމާގުޅޭ ނިންމުންތަކުގެ އެއްގޮތްކަން ދެމެހެއްޓުމަށްޓަކައި މިހާރަށްވުރެ ހަރުދަނާ އުޞޫލެއްގެ ތެރެއިން މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަހާސިންތާއެކެވެ.
މި މަހާސިންތާގައި ޕްރޮސިކިއުޓްކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމާގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކާއެކު
މަޝްވަރާކުރުމާއި، ޕީޖީ އޮފީހުގެ އެތެރޭގައި ޤާއިމުވެފައިހުރި ޕްރޮސިކިއުޝަނާ ގުޅުންހުރި ޔުނިޓްތަކާއި، ސެކްޝަންތަކާއި،
ޕްރޮސިކިއުޓަރުންނާ ދެމެދު ޚިޔާލު ބަދަލުކުރުމުގެ ސެޝަންތައް ކުރިއަށްދާނެކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއްވައެވެ.
ޕީޖީ އޮފީހުގެ އެކި ޔުނިޓުތަކާއި، ސެކްޝަންތަކުގެ އިތުރުން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރާ
ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މިނިސްޓްރީ އޮފް
ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި، ނޭޝަނަލް ޑްރަގް އޭޖެންސީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބައިވެރިވެއެވެ. އަދި ޝަރުޢީ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓާއި، ޖުވެނައިލް ކޯޓާއި، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މި މަހާސިންތާގައި ބައިވެރިވެއެވެ.