ވިޔަފާރި

ވީ.އައި.އޭއަށް ޖެއްސި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު %15 އިތުރުވެއްޖެ


މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު 15 އިންސައްތަ އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު އިތުރުވަމުން ދިޔުމާއެކު ވެލާނާ އިންޓަރނޭޝަަލް އެއަރޕޯޓަށް ޖައްސާ އަދި ފުރާ މަތިންދާ ބޯޓުތަކުގެ އަދަދު ނުވަތަ ފްލައިޓް މޫވްމަންޓްސް ވަނީ ހުސްވި އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ އެ މުއްދަތުގައި ވަނީ 900 ދަތުރު އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ނެރުނު ކުއާޓަރލީ އިކޮނޮމިކް ބުލެޓިންގައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ލިބެމުންދާ ކުރިއެރުންތަކާއި އެކު ރާއްޖެއަށް ދުނިޔޭގެ ގިނަ އެއަރލައިންތަކަކުން ދަނީ ރާއްޖެއަށް ދަތުރުތައް ކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އަދި ރާއްޖެއަށް ފަސިންޖަރުންގެ ފަރާތުން ލިބޭ ތަރުޙީބާއެކު ރާއްޖެއަށް ދަތުރުތައް ކުރަމުންދާ އެއަރލައިންތަކުންވެސް ދަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު އިތުރު ކުރުމަށް ނިންމާފައެވެ. އަދި ބައެއް އެއަރލައިންތަކުން ދަނީ ރާއްޖެއަށް ދަތުރުކުރުމަށް ބޭނުން ކުރާ މަތިންދާބޯޓު އަޕްގްރޭޑްކޮށް، ޖާގަ ބޮޑު މަތިންދާ ބޯޓުތަކަށް ބަދަލުވެސްކުރަމުންނެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއަށް ހަތަރު ލައްކަ އަށްޑިހަ ދެހާސް ނުވަ ސަތޭކަ ހަތްދިހައަށް ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ.