ވާރޭވެހުމުގެ ސަބަބުން ކްރިކެޓް ވޯލްޑްކަޕްގައި އިންޑިޔާއާއި ނިއުޒީލެންޑް ވާދަކުރަން އޮތް މެޗު ނުކުޅެ ދެ ޓީމްވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
 
އިންގްލެންޑާއި ވޭލްސްގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑްކަޕްގައި އިންޑިޔާއާއި ނިއުޒީލެންޑް ވާދަކުރަން އޮތް މެޗު ނުކުޅެން ނިންމިއިރު، މިއީ ވިއްސާރަވުމުގެ ސަބަބުން މި މުބާރާތުގައި ނުކުޅެ ދޫކޮށްލަން ޖެހުނު ހަތަރުވަނަ މެޗެވެ. 
އިއްޔެ މެޗުގައި ވާދަކުރަން ޖެހުނު އިންޑިޔާއާއި ނިއުޒީލެންޑް އަދި މި މުބާރާތުގައި ބަލިވެފައެއް ނުވެއެވެ. ނިއުޒީލެންޑް ކުޅުނު ތިން މެޗުވެސްވަނީ ކާމިޔާބުކޮށްފައެވެ. 
އިންޑިޔާއިންވަނީ މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައެވެ. އިއްޔެ މެޗުން ލިބުނު ޕޮއިންޓާއިއެކު ތާވަލްގެ އެއްވަނައިގައި ނިއުޒީލެންޑް އޮތީ 7 ޕޮއިންޓާއިއެކުއެވެ. 
ދެވަނަގައި އޮތީ ހަތަރު މެޗު ކުޅެ ތިން މެޗު ކާމިޔާބުކޮށްފައިވާ އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާއެވެ. އިންޑިޔާ އޮތީ ތާވަލްގެ ތިންވަނައިގައެވެ.