ކުޅިވަރު

2020ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުން ޤަތަރާއި އޮސްޓްރެލިޔާއަށް ފުރުސަތުދޭން ނިންމައިފި


2020ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުން ޤަތަރާއި އޮސްޓްރެލިޔާއަށް ފުރުސަތުދޭން ނިންމައިފިއެވެ.

ދެކުނު އެމެރިކާގެ ސަރަޙައްދީ މުބާރާތުން އެހެން ބައްރެއްގެ ދެ ޤައުމަށް ފުރުސަތުދޭ ގޮތަށް ހަމަޖެހިފައި އޮންނައިރު، މިއަހަރުގެ މުބާރާތުން ފުރުސަތުދިނީ އޭޝިޔާގެ ޗެމްޕިއަން ޤަތަރާއި ރަނަރަޕް ޖަޕާނަށެވެ.

އާޖެންޓީނާ އަދި ކޮލަމްބިޔާ ގުޅިގެން އަންނަ އަހަރު ބާއްވާ މުބާރާތުން ފުރުސަތުދޭން ނިންމާފައިވަނީ ޤަތަރާއި އޮސްޓްރޭލިޔާއަށެވެ.

ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާގެ ރައީސް އެލެޚަންދްރޯ ޑޮމިނިގޭޒް ވިދާޅުވީ އަންނަ އަހަރުގެ މުބާރާތުގައި ވާދަކުރާ 12 ޓީމް ބަހާލާނީ ދެ ގްރޫޕަށްކަމަށާއި، މުބާރާތުގެ ފޯރިގަދަ ކުރުމަށް ގިނަ ކަންތައްތަކެއް ރާވަމުންދާކަމަށެވެ.

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ދެ ލެގަށް ކުޅޭ ގޮތަށް މަޝްވަރާކުރި ނަމަވެސް ރައީސް ޑޮމިނިގޭޒްވަނީ މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗުގެ ދެ ލެގު ނުކުޅޭނެކަން ޔަގީންކޮށްދެއްވާފައެވެ.

މާދަމާ ބްރެޒިލްގައި ފަށާ މުބާރާތުގެ މެޗުތައް ދުނިޔޭގެ 178 ޤައުމުގައި ދައްކާނެ. މިއީ ރެކޯޑު އަދަދެއްކަންވެސް ފާހަގަކޮށްލެވެއެވެ.