ކުޅިވަރު

ދުނިޔޭގެ ކުރީގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މެލޭޝިޔާގެ ލީ ޗޮންގ ވެއި ކުޅުން ހުއްޓާލައިފި


ދުނިޔޭގެ ކުރީގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މެލޭޝިޔާގެ ލީ ޗޮންގ ވެއި ކުޅުން ހުއްޓާލައިފިއެވެ.

އޮލިމްޕިކް ރިހި މެޑަލް ތިން އަހަރު ހޯދާފައިވާ ލީ ޗޮންގ ވެއި ކުޅުން ހުއްޓާލީ 36 އަހަރުގައެވެ.

ދުނިޔޭގެ ބެޓްމިންޓަންގެ 69 މުބާރާތް ކާމިޔާބުކޮށްފައިވާ ލީ ޗޮންގ ވެއިއަކީ މެލޭޝިޔާގެ އެންމެ މުއްސަނދި ކުޅިވަރު އެތްލީޓެވެ.

އޭޝިޔާގެ އެންމެ ނުފޫޒުގަދަ އެތްލީޓުންގެ ތެރޭގައި ހިމެނޭ ލީ ޗޮންގ ވެއިގެ ބެޑްމިންޓަން ކެރިއަރަށް ފަނޑުކަން އައީ އޭނާގެ ނޭފަތަށް ކެންސަރު ޖެހި ކުޅުމާއި ދުރަށްދާން ޖެހުނު ހިސާބުންނެވެ. އެކަމަކު ޗޮންގ ވެއިވަނީ ކެންސަރަށް ފަރުވާ ހޯދަމުން އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް މަސައްކަތްކޮށްފައެވެ.

ޗޮންގ ވެއި ކުޅުން ހުއްޓާލިކަން އިއުލާންކުރީ ޑޮކްޓަރުންގެ ލަފާގެ މަތިން ހައި އިންޓެންސިޓީ ތަމްރީންތަކެއް ފުރިހަމަކުރުމަށް އޭނާއަށް އުނދަގޫވާތީއެވެ.

މެލޭޝިޔާގައި ކުޅުންތެރިންނަށްދޭ އެންމެ މަތީ ޝަރަފް އަދި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމް ލީ ޗޮންގ ވެއިވަނީ ފަސްފަހަރު ހޯދާފައެވެ.