ކުޅިވަރު

ރެއާލް މެޑްރިޑްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އެޑެން ހަޒާޑް ސަޕޯޓަރުންނަށް ދައްކާލައިފި


ރެއާލް މެޑްރިޑްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އެޑެން ހަޒާޑް ސަޕޯޓަރުންނަށް ދައްކާލައިފިއެވެ.

100 މިލިއަން ޔޫރޯގެ ޓްރާންސްފަރ ފީއެއްގައި ޗެލްސީން ރެއާލް މެޑްރިޑަށް ބަދަލުވި ފޯވާޑަކީ މިދިޔަ ތިން ސީޒަނުގައިވެސް ރެއާލްއިން ހޯދަން މަސައްކަތްކުރި ކުޅުންތެރިއެކެވެ. ހަޒާޑަށް މަރުޚަބާ ކިޔުމަށް ބައި ލައްކަ ސަޕޯޓަރުން ރެއާލް މެޑްރިޑްގެ ސްޓޭޑިއަމަށް ޖަމާވިއެވެ. މިއީ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ކަކާއަށްފަހު އެންމެ ގިނަ ސަޕޯޓަރުން ރެއާލްގެ ކުޅުންތެރިއަކަށް މަރުޚަބާ ކީ ފަހަރަކަން ފާހަގަކޮށްލެވެއެވެ. 28 އަހަރުގެ ހަޒާޑް ރެއާލްއާއިއެކު ސޮއިކުރީ 5 އަހަރުގެ ކޮންޓްރެކްޓެއްގައިއެވެ. ކުލަބުގެ ރެކޯޑު ފީއަކަށް ހަޒާޑް ސޮއިކުރިއިރު، ބޯނަސްތަކާއިއެކު ރެއާލް މެޑްރިޑުން 146.3 މިލިއަން ޔޫރޯ ޖުމްލަ ހަޒާޑަށް ރެއާލް މެޑްރިޑުން ޚަރަދުކުރާނެއެވެ.

ރެއާލްއަށް ސޮއިކުރުމަށްފަހު ހަޒާޑް ބުނީ ކުޑައިރު އެންމެ ބޮޑަށް ސަޕޯޓްކުރި ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލްއަށް ކުޅެން ލިބޭތީ އުފާކުރާކަމަށެވެ. އަދި ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އެހީތެރިވި އެންމެންނަށް ހަޒާޑް ޝުކުރު އަދާކުރިއެވެ. ރެއާލް މެޑްރިޑުންވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމް ވަރުގަދަ ކުރުމަށް މިހާތަނަށް 300 މިލިއަން ޕައުންޑް ހޭދަކޮށްފައިއެވެ.