ކުޅިވަރު

އާޖެންޓީނާ އާއިއެކު މެސީއަށް ކާމިޔާބު ނުލިބެނީ ނަސީބުދެރަކަމުންކަމަށް - ރޮބާޓޯ ކާލޯސް


އާޖެންޓީނާގެ ޤައުމީ ޓީމާއިއެކު މެސީއަށް ކާމިޔާބު ނުލިބެނީ ނަސީބުދެރަކަމުންކަމަށް ބްރެޒިލްގެ ކުރީގެ ޑިފެންޑަރ ރޮބާޓޯ ކާލޯސް ބުނެފިއެވެ.

ބާސެލޯނާއާއިއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މެސީއަށް ޤައުމީ ޓީމާއިއެކު ތައްޓެއް އުފުލާލެވިފައެއް ނުވެއެވެ. 2014ގެ ވޯލްޑްކަޕްގެ ފައިނަލްގައި އާޖެންޓީނާ ބަލިވިއިރު، ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ތިން ފަހަރު އެޓީމްވަނީ ބަލިވެފައެވެ.

ބްރެޒިލްގެ ކުރީގެ ތަރި ރޮބާޓޯ ކާލޯސް ބުނީ މެސީއަށް ޤައުމީ ޓީމުގައި ކާމިޔާބެއް ނުލިބެނީ ނަސީބު ދެރަކަމުންކަމަށާއި، މެސީއަކީ ހިތްވަރުގަދަ ކުޅުންތެރިއެއްކަމަށެވެ.

ގިނަ ފައިނަލްތަކެއްގައި ކުޅެ ބަލިވާއިރުވެސް ދެން އަންނަ މުބާރާތަކަށް ހިތްވަރު އެލުވާނުލައި މެސީ ނިކުތުމަކީ ނަމޫނާއެއްކަމަށް ކާލޯސް ބުންޏެވެ. އޭނާ ބުނީ މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްކަމަށާއި، މެސީ ރިޓަޔާކުރުމުގެ ކުރިން އޭނާއަށް ތައްޓެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށެވެ.

މެސީވަނީ ބާސެލޯނާގައި ދިހަ ފަހަރު ލީގު ތަށި އަދި ހަތަރުފަހަރު ޗެމްޕިއަންސް ލީގު އުފުލާލާފައެވެ.

ކާލޯސް ބުނީ ބާސެލޯނާއެކޭ އެއްގޮތަށް އާޖެންޓީނާގެ ޤައުމީ ޓީމްވެސް ވަރުގަދަކަމަށާއި، ސަޕޯޓަރުން ބޭނުންވާވަރުގެ ކާމިޔާބީއެއް އެޓީމަށް ލިބުމަށް އެދޭކަމަށެވެ.