ކުޅިވަރު

ވީކޭ ބަލިކޮށް ކުޑަހެންވޭރު ޗެމްޕިއަންކަން ހޯދައިފި


ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ޢީދު ބައިބަލާ މުބާރާތުގެ" ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ކުޑަ ހެންވޭރު ޔުނައިޓެޑް ހޯދައިފިއެވެ. ކުޑަ ހެންވޭރުން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ގަދަ ހިފުމުން ވީކޭ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.

ސެމީ ފައިނަލްގެ މެޗްތައް ވެސް ރޭ ކުޅެވުނުއިރު، ގަދަ ހިފުމަކަށް ގޮސްގެން ފުރަތަމަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ކުޑަ ހެންވޭރު ޔުނައިޓެޑުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދިއެވެ.

ސެމީގެ ދެ ވަނަ މެޗް ކްލަބް ޓީނޭޖާ ވާދަކޮށް ސީދާ ދެ ގޭމުން ކާމިޔާބު ކުރީ ވީކޭ ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗްގެ ފުރަތަމަ ގޭމް ގެންދިޔައީ އެތެރޭން ކުޅެމުންދިޔަ ވީކޭ ސްޕޯޓްސް ކްލަބެވެ. ދެ ވަނަ ގޭމް ކުޑަ ހެންވޭރު ޔުނައިޓެޑް ކާމިޔާބުކުރުމުން ގަދަހިފުމަކަށް ގޮސް މެޗު ކާމިޔާބުކުރީ ކުޑަ ހެންވޭރު ޔުނައިޓެޑެވެ. ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަ ހެންވޭރު ޔުނައިޓެޑްގެ އަލީ ވިޖުދާން (ވިޖޫ)އެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ވީކޭ ސްޕޯޓްސް ކްލަބުގެ ހަމްދު އަލީ، މިފްރާހް ޔާސިރު، ކްލަބް ގްރީން ސްޓްރީޓްސްގެ ފަރަހް ޝާމް، މުހައްމަދު މިރްސާލް ޔާސިރު އަދި ކުޑަ ހެންވޭރު ޔުނައިޓެޑްގެ އަލީ ވިޖުދާންއެވެ.

މިއަހަރުގެ ބައިބަލާ މުބާރާތުގެ މިސްޓަރ ބައިބަލާގެ މަގާމް ހޯދީ ކުޑަ ހެންވޭރު ޔުނައިޓެޑްގެ އަހުމަދު ފިރާޒް މޫސާ ހާންޑޯއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ވީކޭ ސްޕޯޓްސް ކްލަބްއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ދިންއިރު ރަނަރަޕް ޓީމަށް ސާޅީސް ހާސް ރުފިޔާ ވަނީ ދީފައެވެ. އަދި މިސްޓަރ ބައިބަލާއަށް ދިހަ ހާސް ރުފިޔާ ދިންއިރު، ފެއަރ ޕްލޭ ޓީމަށް ވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.