ޚަބަރު

ފަސް ރަށެއްގެ ބަނދަރާއި 14 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ ހަފްތާގައި ބަޔަކާ ޙަވާލުކުރާނެ - އަމީރު


ކުރިއަށްއޮތް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ފަސް ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތާއި 14 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ބަަޔަކާ ހަވާލުކުރާނެކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެން ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަނގަޅު ފެންވަަރެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި ކުރިއަށްއޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މިމަސައްކަތް ފަށައި ގިނަ ރަށްރަށުއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ މަސައްކަތް ނިމި ޙިދުމަތް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަނ ބޭނުންވޭ ކުރިއަށްް އޮތް ތިން އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްފެށި ގިނަ ރަށްތަކުގައި ފެނާއި ނަރުދަމާގެ ޙިދުމަތް ލިބޭނެވަރު އަޅުގަނޑުމެން ކޮށްދޭނަމޭ." ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާތަނަށް ފަސް ރަށެއްގެ ބަނދަރާއި ހަތް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައި ވާނެކަމަށެވެ. މީގެ އިތުރުން ފަނަރަ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން ހަވާލު ކޮށްފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޮފިޑް ފަންޑުގެ އެހީގައި އިތުރު 11 ރަށެއްގެ ފެނާއި ނަރުދަމާ ވަރަށް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެކަމަށް މިިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިސަރުކާރުން ވެރިކަމާ ޙަވާލުވިއިރު، ހުއްޓިފައިވާ މަޝްރޫޢުތަކުގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް ޓަރމިނަލްގެ މަސައްކަތާއި ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެންމެ ފެންވަރު ރަނގަޅު ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.