ވިޔަފާރި

މަހުގެ ބާވަތްތައް އުފެއްދުމާބެހޭ ތަމްރީނުތަކެއް ނައިފަރުގައި


ޖަމާއަތެއްގެ ގޮތުގައި މަހުގެ ބާވަތްތައް އުފައްދާ ތަރައްޤީ ކުރުމާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަދިއްޕޮޅު ނައިފަރުގައި ކުރިއަށް ގެންގޮސްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން މަޢުލޫމާތުދޭ ގޮތުގައި މިތަމްރީން ޕްރޮގްރާމަކީ، މަސްވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ހާޞިލް ކުރުމަށްޓަކައި މަސްވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް މަސްވެރިކަމުގެ ވިޔަފާރީގެ ފުރުޞަތުތައް ކޯޕަރޭޓިވްސް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމަށް ޒުވާނުން އަޙުލުވެރި ކުރުވުމުގެ ގޮތުން އެމިނިސްޓްރީން ހިންގަވަމުން ގެންދާ މަސްވެރިކަމުގެ ކޯޕަރޭޓިވްސްތައް އުފައްދައި، އެކަމަށް އަޙްލުވެރި ކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.އޭޕްރީލް މަހުގެ 30 އިން މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މިތަމްރީން ޕްރޮގްރާމް ނިމުން ފާހަގަ ކުރުމަށް ނައިފަރު މަދްރަސަތުލް އިފްތިތާޙްގައި ހާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ. މި ތަމްރީން ޕްރޮގްރާމްގައި އަށާވީސް ފަރާތަކުން ބައިވެރިވެފައިވާ އިރު ޕްރޮގްރާމްގެ ބައިވެރިންނަށް ތަމްރީންތަކުގައި، އިރުޝާދު ދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ތަޖުރިބާ ކާރުން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒްއިން މަޢުލޫމާތުދެއެވެ.