ޚަބަރު

ތިމާވެށި ހިމާޔަތްކުރަން ކުރީގެ ވަޒީރުން އެއް މޭޒުދޮށަށް


ތިމާވެއްޓާބެހޭ ވުޒާރާގައި މަސައްކަތްކުރައްވާފައިވާ ކުރީގެ ވަޒީރުންގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ތިމާވެށީގެ ދުވަސް ފާހަކުރުމުގެ ގޮތުން، އެކި ދުވަސްވަރު ތިމާވެށި ޚިމާޔަތް ކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ދާއިރާ ކުރިއެރުވުމަށް ބޭންވާ ޙިޔާލު ޙިއްސާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.

"ތާރީޚްގެ ތެރެއިން ތިމާވެށީގެ ވަޒީރުން" ބައްދަލުވުމުގައި ކުރިން ތިމާވެށީގެ ވަޒީރުކަން ކުރެއްވި 7 ބޭފުޅަކުވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ބޭފުޅުންނަކީ 1987 ވަނަ އަހަރު އެންވާރަމެންޓް އޮފިސަރުގެ މަޤާމް އުފެއްދެވީއްސުރެ، 2018ވަނަ އަހަރާއި ހަމައަށް ވަޒީރުކަމުގެ މަޤާމު ފުރުއްވި 9 ބޭފުޅުންގެ ތެރެއިން 7 ބޭފުޅެކެވެ. މި ބައްދަލުވުމުގައި ބައިވެރިވެލެއްވި ކުރީގެ ވަޒީރުންނަކީ އުމަރު ޒާހިރް، އަބްދުއްރަޝީދް ޙުސައިން، އަޙްމަދު ޢަބްދުﷲ، ޢަބްދުﷲ މައުސޫމް، މުޙައްމަދު އަސްލަމް، މަރިޔަމް ޝަކީލާ އަދި އެންމެ ފަހުން މި މަޤާމް ފުރުއްވި ޠާރިގު އިބްރާޙީމްއެވެ.

މި ބައްދަލުވުމުގައި، ރާއްޖޭގައި ތިމާވެށީގެ މަސައްކަތް ފެށިގެން އައިގޮތާއި، ތިމާވެށި ޙިމާޔަތް ކުރުމަށް އޭރު ކުރި މަސައްކަތްތަކާއި، އަދި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ކަބޮޑުވުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކުރި މަސައްކަތްތައްވަނީ ޙިއްސާކޮށްފައެވެ.

ކުރީގެ ވަޒީރުންވަނީ އެބޭފުޅުންގެ ދަޢުރުގައިި ކުރެއްވި މުހިންމު މަސައްކަތްތަކާއި، އަދި ކުރިއަށް އޮތްތާންގައި ތިމާވެށި ހިމާޔަތް ކުރުމަށް އެޅުން މުހިންމު ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. އެގޮތުން މުޅި ރާއްޖޭގެ ކަނޑުގެ ސަރަަޙައްދަކީ ހިމާޔަތްކޮށްފައިވާ ތަަނަކަށް ހެދުމާއި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމާއި، ޕްލާސްޓިކް މަދުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމުކުރުމާއި ބެހޭގޮތުންވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ތިމާވެށީގެ ދާއިރާއިން މީހުން ބިނާކުރުމާއި، މިކަމަށް އާއްމުން ހޭލުންތެރި ކުރުމުގެ މުހިންމުކަންވެސް އެ ބޭފުޅުންވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މިނިސްޓަރުންވެސްވަނީ އެކި މިނިސްޓްރީތަކުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ހުރިހާ މިނިސްޓަރީތަކަށް ފައިދާވާނެ ގޮތަކަށް މިނިސްޓީތަކުގެ ކަންކަން ރާވަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިހާރުގެ ތިމާވެށީގެ ވަޒީރު ޑރ.ހުސައިން ރަޝީދް ހަސަން ދެއްކެވި ވާހަކަފުޅުގައި، ރަޢީސްގެ ނިންމެވުމާއި އެއްގޮތަށް ކޮންމެ އަތޮޅަކުންވެސް ޙިމާޔަތްކުރަންވީ ރަށްތަކާއި، ފަރުތަކާއި ގިރިތައް ކަނޑައަޅާފައިވާކަމަށާއި، ވަަރަށް އަވަހަށް އެތަންތަން އިޢުލާން ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ރުއްގަސް ކެނޑުމާބެހޭ ޤަވައިދުވެސް މުރާޖާކޮށް އިސްލާޙް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މަސައްކަތް މިކުރަނީ ބިންދޫކޮށްގެން ރުއްގަސް ހެއްްދުމުގެ ނާސަރީތައް ހެދުމުގެ ފުރުސަތު ދޭން. މިއާއިއެކު ގަސް އިންދުމުގެ ވިޔަފާރު ފުޅާދާއިރާއެއްގައި ކުރެވޭނެ."މިނސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޕްލާސްޓިކް މަދުކުރުމަށް ކުރާ މަސައްކަތްތަކަށްވެސް ކޮމިޓީއެއް އުފައްދަވައި، މިކަން ހުއްޓުވުމަށް ކުރެވޭނިެ މަސައްކަތަކާއި ގުޅޭ ޑްރާފްޓެއްވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި މަސައްކަތް އަންނަ މަހު ނިންމަވާނެކަމަށްވެސް މިނސިްޓަރ ވިދާޅުވިއެވެ.

މިގެއިތުރުންވެސް ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްމުނަދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބައިސްކަލުން ޑިއުޓީ ކަނޑާލުމަށް މަޝްވަރާކުރުމާއި، ބެޓެރި ވެހިކަލްތައް އިތުރުކުރުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.