ކުޅިވަރު

ސެމީ އާއި ފައިނަލްވެސް މިރޭ ކުޅޭ ގޮތަށް ނިންމައިފި


އީދު ބައިބަލާ 1440ގެ ސެމީފައިނަލް ދެމެޗާއި ފައިނަލް މެޗުވެސް މިރޭ ކުޅޭ ގޮތަށް ބައިބަލާ އެސޯސިއޭޝަނުން ނިންމައިފިއެވެ. ބައިބަލާ އެސޯސިއޭޝަނުން މިގޮތަށް ނިންމާފައިވަނީ އެސޯސިއޭޝަންގެ އެކްސްކޯ ބައްދަލުވުމެއް ބޭއްވުމަށްފަހުއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ މުބާރާތުގެ ސެމީފައިނަލާއި ފައިނަލް މެޗުވެސް ކުޅޭގޮތަށް ނިންމާފައިވަނިކޮށް އެރޭ މުބާރާތުގެ މެޗުތައް ކުރިއަށް ނުގެންދެވުނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގެ ފުރަތަމަ ގޭމުގެ ތެރެއިން ހިނގާދިޔަ ދެބަސްވުމެއްގެ ސަބަބުންނެވެ. ބައިބަލާ އެސޯސިއޭޝަނުން ވަނީ މިމެޗުގައި ކްލަބް ގްރީން ސްޓްރީޓްސްއިން ކުރި ޝަކުވާ ބެލުމަށްފަހު މެޗު އެރޭ ހުއްޓާލިހިސާބުން އަލުން ފަށަން ނިންމާފައެވެ.

އެހެންކަމުން މިރޭ މެޗުތައް ފެށިގެންދާނީ ސެމީ ފައިނަލްގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރި މެޗު ކުޅުންހުއްޓާލި ހިސާބުންނެވެ. މެޗުގެ ކުޅުން ހުއްޓާލާފައި ވަނީ ފުރަތަމަ ގޭމްގެ ތެރެއިންނެވެ. އަދި ކުޅުންހުއްޓާލިއިރު އެތެރެއިން ކުޅެމުންދިޔައީ ކްލަބް ގްރީން ސްޓްރީޓްސްއެވެ. ކުޑަ ހެންވޭރު ޔުނައިޓެޑަށް މެޗުގެ ކުޅުންހުއްޓާލިއިރު ފުރަތަމަ ގޭމް ކާމިޔާބުކުރަން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކްލަބް ޓީނޭޖާއި ވީކޭ ސްޕޯޓްސް ކްލަބެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ ސެމީ ފައިނަލް މެޗުތައް ނިމުމުން އެއް ގަޑި އިރު ބްރޭކަކަށްފަހުއެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗުވެސް ޕީ.އެސް.އެމްގެ ޔެސް ޓީވީ މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ.