ކުޅިވަރު

ފާރލަންޑް މެންޑީ އާއިއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރެއާލްއިން ބުނެފި


ފްރާންސްގެ އޮލީމްޕިކް ލިއޯންސްއަށް ކުޅެމުން އަންނަ ފާރލަންޑް މެންޑީ އާއިއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރެއާލް މެޑްރިޑުން ބުނެފިއެވެ.

ރެއާލްއިން ބުނީ މެންޑީ އާއިއެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

އުމުރުން ސައުވީސް އަހަރުގެ ޑިފެންޑަރަކީ މިފަހަރުގެ ޓްރާންސްފާގައި ރެއާލްއަށް ގެނައި ހަތަރުވަނަ ކުޅުންތެރިޔާއެވެ. ރެއާލްއިން ވަނީ މިހާތަނަށް 337 މިލިއަން ޔޫރޯ ޚަރަދުކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑް އާއި ލުކާ ޖޮވިކްގެ އިތުރުން ޑިފެންޑާރ އެޑާ މިލިޓާއޯގެ ސޮއިވެސް ހޯދާފައެވެ.

ފްރާންސްގެ ތަރި ފާލަންޑް މެންޑީ ރެއާލް އާއި ގުޅިފައިވާ ކަމަށް މީގެ ކުރިން ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއެ ޑިސޯމް ވެސް ވަނީ ބުނެފައެވެ. ނަމަވެސް އޭރު ރެއާލް މެޑްރިޑުންވެސް އެކަން ކަށަވަރު ކޮށްދީފައެއްނުވެއެވެ.

ޑިސޯމް ބުނީ މެންޑީ އަކީ މީގެ ތިން އަހަރު ކުރިން ފްރާންސްގެ ތިންވަނަ ޑިވިޝަނުގައި ކުޅެމުން އައި ކުޅުންތެރިއެއް ކަމަށާއި ނަމަވެސް މިހާރު އޭނާއަކީ ފްރާންސްގެ ގައުމީ ޓީމުގެވެސް މުހިންމު ޑިފެންޑަރެއް ކަމަށެވެ.