ކުޅިވަރު

ލުކާ ޖޮވިކް ރެއާލްގެ ޖާޒީގައި ދައްކާލައިފި


ރެއާލް މެޑްރިޑާއި އަލަށް ގުޅުނު ސާބިއާގެ ފޯވާޑް ލުކާ ޖޮވިކް އެޓީމުގެ ޖާޒީގައި ދައްކާލައިފިއެވެ.

ރެއާލް މެޑްރިޑުގެ ދަނޑުގައި ހަތަރުހާސް ފައްސަތޭކަ އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރެއާލްގެ ޖާޒީ އާއިއެކު ފުރަތަމަ ފަހަރަށް ފެނިލުމަށްފަހު ލުކާ ޖޮވިކް ބުނީ، އޭނާއަކީ މިވަގުތު އެންމެ އުފަލުންހުރި ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށާއި، ރެއާލް މެޑްރިޑާއި ގުޅުން އެއީ ހުވަފެނެއް ހަގީގަތަކަށް ވުން ފަދަ ކަމެއް ކަމަށެވެ.

އަދި ރެއާލް އަށް އިތުރު ކާމިޔާބީތަށް ހޯދައިދޭން ކުރެވެންހުރި ހުރިހާ ކަމެއް ކުރަން ތައްޔާރަށް ހުރި ކަމަށްވެސް އުމުރުން އެކާވީސް އަހަރުގެ ސާބިއާގެ ފޯވާޑް ބުންޏެވެ.

ލުކާ ޖޮވިކް ބުނީ ރެއާލް މެޑްރިޑަށް ބަދަލުވުން އެއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ނިންމުނު އެންމެ ރަނގަޅު ނިންމުން ކަމަށެވެ.

ލުކާ ޖޮވިކް ވަނީ ހުސްވި ސީޒަންގައި ފްރެންކްފާޓަށް 17 ލަނޑު އަދި ސާބިއާގެ ގައުމީ ޓީމަށް 10 ލަނޑު ޖަހައިދީފައެވެ.