ޚަބަރު

މަތީ ތަޢުލީމު ލޯން ސްކީމާ ގުޅޭ މައުލޫމާތު ސެޝަން މިރޭ ސީއެޗްއެސްއީގައި


މަތީ ތަޢުލީމުގެ ލޯން ސްކީމާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން މިރޭ ބެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހާމަކުރައްވައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިސެޝަން ކުރިއަށްދާނީ މިރޭ 08:30 ފެށިގެން 09:30އަށް ސީއެޗްއެސްއީ ހޯލްގައިކަމަށެވެ. އަދި ކުރިއަށް އޮތް 2 ސެޝަން އަންނަ ހަފްތާގެ އާދިއްތަ އަދި ބުދަ ދުވަހުގެ ރޭ 08:30 ހުންފެށިގެން 09:30 އަށް ސީއެޗްއެސްއީ ހޯލުގައި ކުރިއަށްގެންދާނެކަމަށް އެމިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ހަޔަރ އެޑިއުކޭޝަނުން ވިދާޅުވީ ލޯނަށް ފުރަތަމަ ބުރުގައި ހުޅުވާލި ފުރުސަތުގައިވެސް ލޯނަށް އެދޭ ފަރާތްތަކަށް އުސޫލާއި އެއްގޮތަށް އެޕްލިކޭޝަން ފުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ވީޑިއޯ މެދުވެރިކޮށް މަޢުލޫމާތު ޢާއްމުކުރިކަމަށެވެ. ނަމަވެސް އެކަމުން އެންމެ އެދެވޭ ނަތީޖާ ފެނިފައިނުވާތީ މިހާރު މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށްގެންދިޔުމަށް ނިންމީ ކަމަށެވެ.

މަތީ ތަޢުލީމުގެ ލޯނަށް އެދުމުގެ ފުރަތަމަ ބުރުގައި މާޗު މަހު ހުޅުވާލި ފުރުސަތުގައި އުސޫލާ ޚިލާފުވެގެން ގިނަ ޢަދަދެއްގެ ދަރިވަރުންނަށް ވަނީ ލޯނު ހަމަނުޖެހިފައެވެ. އެގޮތުން ލޯނަށް ކުރިމަތިލި 993 ދަރިވަރުންގެ ތެރެއިން ލޯނު ހަމަޖެހިފައިވަނީ 79 ދަރިވަރަކަށެވެ. އެހެންކަމުން ސަރުކާރުން ހަމަޖައްސާފައިވާ 242 ޖާގައިގެ ތެރެއިން ބާކީ 163 ޖާގައަސް ކުރިމަތި ލުމަށް ވަނީ އަލުން ހުޅުވާލާފައެވެ.