އަޙުމަދު އަދީބު އަބްދުލްޣަފޫރަކީ މިހާރު އެއްވެސް ދިވެއްސަކަށް އޭނާގެ އިތުރު ތަޢާރަފަކަށް ބޭނުންވާނެ މީހެއްނޫނެވެ. އެއީ ރާއްޖޭގެ ކުރީގެ ނާއިބުރައީސެކެވެ. ކުރިން ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ސިޔާސީ ޕާޓީއެއްގެ ލީޑަރެކެވެ. ރައީސް ޑރ.މުޙައްމަދު ވަޙީދުގެ ވެރިކަމުގައި 2012ވަނަ އަހަރު ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމަށް ވަޑައިގެންފަހުން އަދީބަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ނުފޫޒުގަދަ ބާރުގަދަ ބޭފުޅަކަށް ވެގެންދިޔައެވެ.
އެއާއެކު ފަރުދާގެ އަނެއްފަރާތުގައި އޭނާ، ކޮރަޕްޝަނާއި ފަސާދައާއި ޚިޔާނާތުގެ އެތައް ޢަމަލެއް ހިންގަވަމުންދިޔަކަމުގެ ތުހުމަތު އެކިފަރާތްތަކުން ކުރަމުންދިޔައެވެ. ދުވަހެއްދުވަހަކަށް މިތުހުމަތުތައް ބޮޑުވަމުންދިޔައިރު، އަދީބާއި އޭނާ ނިސްބަތްވި ސަރުކާރުތަކުން އޭރުދިޔައީ މިތުހުމަތުތައް ދޮގުކުރައްވައި އަދީބު ދިފާޢުކުރައްވަމުންނެވެ.
އެހެންނަމަވެސް ރައީސް ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެމައްޗަށް ކުރެވުނު ތުހުމަތުތަކާއެކު ހުރިހާކަމެއް ބަދަލުވެގެންދިޔައެވެ. އަދީބަށް ކުރިން ކުރެވެމުންދިޔަ ގިނަ ތުހުމަތުތައް އެއީ ހަޤީހަތެއްކަމަށް ރައީސް ޔާމީންގެ ސަރުކާރުން ހާމަކުރެއްވިއެވެ. އަދި އޭގެތެރެއިން ވަރަށްގިނަ ކަންކަން ބަލައި ތަހުޤީގުކޮށް ޝަރީޢަތަށް ހުށަހެޅިއެވެ. އަވަސް ސްޕީޑެއްގައި މިމައްސަލަތައް ބަލައި ނިންމައި އަދީބުގެ ޝަރީޢަތްތައް ފުލުފުލުގައި ހިންގަން ފެށިއެވެ. "ހަވާ ފަޓާސް ބަރިއެއްހެން" އަދީބުގެ ޝަރީޢަތްތައް ނިންމައި އިސާހިތަކު އޭނާ 33 އަހަރަށް ޖަލަށް ލައިފިއެވެ. އަދިވެސް އޭނާގެމައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތައް ހުރިކަމަށް ރައީސް ޔާމީންގެ ސަރުކާރުން ވިދާޅުވެފައިވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، އަދީބުގެ ޙާލަތަކީ މިއެވެ.
އަދީބުގެމައްޗަށް ކުއްލިއަކަށް ފުލުފުލުގައި އުފުލި ދަޢުވާތަކާއި، ހިންގި ޝަރީޢަތްތަކުގެ މަޤުސަދާއި އެކަންކަމުގެ އިންސާފުވެރިކަމާމެދު އޭރު އިދިކޮޅު ސިޔާސީ ފަރާތްތަކާއި ޤާނޫނީ ބައެއް ބޭފުޅުންވެސް ސުވާލު އުފެއްދިއެވެ. އަދީބުގެ މައްޗަށް އޭރުވެސް ކޮށްފައިވަނީ ސީރިއަސް ތުހުމަތުތަކެކެވެ. ޤައުމީ ބޮޑެތި މައްސަލަތަކާ ގުޅުންހުރި ތުހުމަތުތަކެކެވެ. އެހެންނަމަވެސް އޭނާގެ މައްޗަށްވެސް ތަހްޤީގު ހިންގަންވާނީވެސް އަދި ޝަރީޢަތް ހިންގަންވާނީވެސް ޢަދުލުއިންސާފުވެރިކަމާއެކުއެވެ. މިއީ އެންމެން ޤަބޫލުކުރި ހަޤީގަތެކެވެ.
އަދީބުގެ މައްޗަށް ހިންގި ޝާރީޢަތްތައް ބަލައި އެކަންކަން ހިނގައިދިޔައީ އިންސާފުންތޯ ބަލައި އަދީބަށްވެސް އިންސާފު ހޯދައިދިނުމަށް ސަރުކާރުގެ ތެރެއިން މަސައްކަތްޕުޅުކުރެއްވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަޢުދުވެވަޑައިގެންފައިވާކަމެއްކަމަށް އަދީބުގެ އަރިސް ބޭފުޅުން ވިދާޅުވެއެވެ. އެހެންނަމަވެސް ޝަރީޢަތް ހިންގުމުގެ ބާރަކީ މުޅިން މިނިވަން ވަކި ބާރެކެވެ. އަދީބުގެ މައްޗަށް އޮތީ 33 އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރަން ފަށާފައެވެ. ދަޢުވާކުރީ ދައުލަތުންނެވެ. އެހެންކަމުން މިކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ސަރުކާރަށް ކުރެވޭނީ ކޮންކަމެއްތޯ އެހާ ސާފެއްނޫނެވެ.
އަދީބުގެ 33 އަހަރުގެ ޖަލުޙުކުމް ކުއްލިއަކަށް ކޯޓުން ބާޠިލްވެގެންދިޔައީ ކީއްވެތޯ؟ މިއީ ސުވާލެކެވެ. ކުރިން އަދީބާ ދެކޮޅަށް މައްސަލަތައް ނިންމި ކޯޓުތަކުން ކުއްލިއަކަށް އަނެއްކޮޅަށް ކަންކަން ނިންމިއިރު، ކޯޓުތަކާއި އެތަނުގެ ފަނޑިޔާރުންނާއި ޢަމަލުކުރާ އުސޫލުތަކާއި ޤާނޫނުތައްވެސް ހުރީ ހުރި ގޮތަށެވެ. އެއްވެސްކަމެއް ބަދަލެއް ނުވެއެވެ. އަދީބުގެ ޙުކުމްތައް ބާޠިލުވެގެންދިޔަގޮތާއި "ހައިޕްރޮފައިލް ބޮޑު ކުއްވެރިއަކު" ކުއްލިއަކަށް މިނިވަންވެގެންދިޔަ ގޮތާއި ޙުކުމްތައް ބާޠިލްވެގެން ދިޔަ ގޮތާމެދު ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.
އަދީބު ޖަލުގައި ބަންދުކުރިތާ މާގިނަ ދުވަހެއްނުވެ އޭނާގެ ސިއްޙީ ޙާލަތު ގޯސްވެ ފަރުވާކުރަންފެށިއެވެ. މިމައްސަލަ ބޮޑުވެ ރާއްޖެއިން އަދީބަށް އެތައްފަހަރަކު ފަރުވާކުރިއެވެ. އެހެންނަމަވެސް އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ކުރެވޭނީ އޭނާއަށް ރާއްޖެއިން ބޭރަށް ވަޑައިގަނެވިގެންކަމަށް ޑޮކްޓަރުންނާ ޙަވާލާދެއްވައި އަދީބުގެ ޢާއިލާއާއި ގާތްބޭފުޅުން ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންނަމަވެސް އަދީބުގެ ސިއްޙީ ޙާލު މިހާރަށްވުރެ މާނާޒުކުވެ އޭނާ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިކޮށްފައި އޮތް އިރުވެސް ސަރުކާރުން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހުއްދައެއް ނުދެއްވިއެވެ. އެކާމެދު ހިތްހަމަނުޖެހިގެން އަދީބުގެ ގާތްބޭފުޅުންނާއި ސަޕޯޓަރުން މިހާރުގެ ހޯމް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުކިޔައި މިނިސްޓަރުގެ އިސްތިއުފާއަށްވެސް ގޮވިއެވެ. އެހެންނަމަވެސް އޭރު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ނުދެއްވިތާގައި އަދީބު ބަލިޙާލަތު ހުރިގޮތުން ގޭބަންދުގައި ހުންނެވުމަށްވެސް ސަރުކާރުން ފުރުސަތުނުދެއްވިއެވެ.
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު ކުއްލިއަކަށް އަދީބު މިނިވަންވެ، އޭނާގެ މައްޗަށް ތަންފީޒުކުރަމުންދިޔަ ހުރިހާ ޙުމުމެއް ބާޠިލުވުމުން އޭނާ ބޭސްފަރުވާއަށް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވުމުގެ ބޭނުމަކީ ކޮބައިތޯ މިއީ ކުރެވޭ ސުވާލެކެވެ.
އަޙްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދެއްވިކަން އެމުއައްސަސާއިން ހާމަކުރެއްވީ އަންގާރަދުވަހުއެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެމްބަރުން ސުވާލުއުފައްދަވައި ކަންބޮޑުވުން ފާޅުކުރައްވަން ފެށްޓެވިއެވެ. އެއާއެކު ކަމާގުޅޭ އެންމެހައި މުއައްސަސާތަކުގެ ވެރިން މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހޯމް މިނިސްޓަރު އިމްރާނު ޢަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ކަރެކްޝަނަލް ސަރވިސްގެ އިސްވެރިންނާއި އިމިގްރޭޝަންގެ އިސްފަރާތްތައް ވަނީ ހާޒިރުކޮށްފައެވެ.
އަޙްމަދު އަދީބަކީ ދައުލަތާއި ޤައުމީ ސަލާމަތާ ގުޅުންހުރި ބޮޑެތި މައްސަލަތަކެއްގެ ތުހުމަތުކުރެވޭ މީހަކަށްވާއިރު، އެނާ ރާއްޖެއިން ބޭރަށް ފޮނުވަނީ ކޮން ގޮތަކަށްތޯ ކޮމިޓީގެ މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، އަދީބު ބޭސްފަރުވާއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14އިން 26އަށް އަވައްޓެރި އިންޑިއާއަށްކަމަށެވެ.
އަދީބު އިންޑިއާ އަށް ވަޑައިގަންނަވާއިރު، އަދީބުގެ އަރިހުގައި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ޓީމެއް ހަރަކާތްތެރިވާނެކަމަށާ، އަދީބު ފުރާވަޑައިގަތުމުގެ ކުރިން އޭނާ އިންޑިއާގައި ހުންނަވާ ސަރަޙައްދަށް ފުލުހުންގެ އެޑްވާންސް ޓީމެއް ދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސްމުހައްމަދު ހަމީދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ގިނަ ސުވާލުތަކެއް އުފެދި އެތައްބައެއްގެ ފާޑުކިއުންތައް ސަރުކާރަށް މިވަނީ އަމާޒުވެފައެވެ. ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ބޭފުޅެއްކަމަށް އދ.ގެ ސްޕެޝަލް ރެޕަޓުއަރ އަދި ޤާނޫނީ، ޚާރިޖީ ދާއިރާއެއް ތަޖުރިބާކާރު ޑރ.އަޙުމަދު ޝަހީދު ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރުގައި އަދީބު އުޅުއްވާއިރު، އޭނާއާ މެދު ދިވެހި ފުލުހުންނާއި ރާއްޖޭގެ އެހެންވެސް މުއައްސަސާއެއްގެ ބަޔަކު އެފަދަ ޢަމަލެއް ހިންގައިފިނަމަ އެވާނީ ކިޑްނެޕްކުރުން ނުވަތަ ރަހީނުކުރުން ނުވަތަ އިންސާނުން ޓްރެފިކް ކުރުމުގެ ޢަމަލަކަށް ކަމަށެވެ.
ޑރ.ޝަހީދުގެ ޓުވީޓްކުރައްވާފައިވާ ގޮތުގައި ރާއްޖެއިން ބޭރުގެ އެއްވެސް ސަރަޙައްދެއްގައި ދިވެހި ސަރުކާރުގެ ޤާނޫނީ ބާރު ނުހިނގާނެ ކަމަށެވެ. އެކަން ހިންގަން އުޅެފިނަމަ ވާނީ "ކިޑްނެޕް، ހޮސްޓެޖް، ޓްރެފިކިން" ފަދަ ޢަމަލަކަށްކަމަށް ޑރ.ޝަހީދު ވިދާޅުވެފައިވެއެވެ.
ޑރ.ޝަހީދުގެ މިރައުޔަށް ވަރަށްގިނަބަޔަކު ތާޢީދުކުރެއެވެ. ރާއްޖެއާއި އިންޑިއާއާ ކިތަންމެ ގާތްގުޅުމެއް އޮތަސް ބައިނަލް އަޤުވާމީ ޤާނޫނުތަކާއި ދެޤައުމުގެ ޤާނޫނީ އުސޫލުތައް ހުއްދަނުކުރާ ކަމަކަށް ފުރިސަރު ލިބިދާނެތޯ މިއީ ސުވާލެކެވެ.
އަނެއްކޮޅުން އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. އަދީބުގެ މައްޗަށް މިހާރު ޝަރުޢީ އެއްވެސް ޙުކުމެއް ނެތެވެ. އޭނާ ގޭބަންދުގައި ހުރީ ކޯޓުގެ ޙުކުރުމަތް ކެނޑި މައްސަލައެއްގެ ތުހުމަތުގައި ކޮށްފައިވާ 15 ދުވަހުގެ ޖަލު ބަންދެއްގައެވެ. އެމުއްދަތުވެސް މިމަހުގެ 18ވަނަ ދުވަހަށް ހަމަވާނެއެވެ. ގޭބަންދުގައި އަދީބު ހުންނެވީމަ އެމުއްދަތު ގުނުން ޕާކުކޮށްފައި އޮތްކަމަށް ބުނެވެއެވެ.
އެހެންނަމަވެސް މިހާރު ޤާނޫނީގޮތުން އަދީބަކީ "ހައިޕްރޮފައިލް" ކުއްވެރިއެއް ނޫނެވެ. ރާއްޖޭގެ ޤާނޫނު ބުނާގޮތުން ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުނުވާ ކޮންމެ މީހަކީ ކުށެއްނެތް މަޢުސޫމު މީހެކެވެ.
އެހެންކަމުން އަދީބު ރާއްޖެއިން ބޭރަށް ދިއުމުގެ ކުރިން ފުލުހުންގެ އެޑްވާންސް ޓީމެއް ދާންޖެހޭ ސަބަބެއް އެބައޮތްބާއެވެ؟ އަދީބާއެކު ފުލުހުންނާއި ކަރެކްޝަންސްގެ ޓީމެއް ދަތުރުކުރުމުގެ ބޭނުމަކީ ކޮބައިބާއެވެ؟ މިއޮއް ހުރިހާ ދުވަހު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އަދީބަށް ނުދެއްވި ހުއްދައެއް ކުއްލިއަކަށް މިހާރު ދެއްވުމުމުގެ ބޭނުމަކީ ކޮބައިބާއެވެ؟ އަދީބުގެ މައްޗަށް ކޮށްފައިވާ ބޮޑެތި ޙުކުމްތައް ފުލުފުލުގައި ކޯޓުން ބާތިލުކުރީ ކީޢްވެބާއެވެ. އަދި އެކަމުގައި ސަރުކާރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތީބާއެވެ. އެތައް ތުހުމަތެއް އަދީބުގެ މައްޗަށް ކުރެވޭކަމަށް ބުނާއިރު، އަލުން ތަހުޤީގެއް ފަށައި ތަހްޤީގަށް އަދީބު ބަންދު ނުކުރަނީ ކީއްވެގެންބާއެވެ؟