ޚަބަރު

ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމުގައި ސުވާލު އުފެދޭ ކަންކަން - މަހްލޫފް


ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމުގައި ސުވާލު އުފެދޭކަންކަން އެބަހުރިކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ނަމުގައި ޖަމިއްޔާއެއް އުފައްދަން ޖުޑީޝަލް ކައުންސިލުން ނިންމިކަން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރީ މިއަދުއެވެ.

އެ ނިންމުމާއި ގުޅިގެން މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އެކަމާއި މެދު ގޮތެއް ނިންމަވާނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިންކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމަށް ނިންމާފައިވަނީ މިިދިޔަ މަހުގެ 21 ވަނަދުވަހު ބޭއްވި ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުންކަމަށެވެ. އަދި މި ޖަމްޢިއްޔާ އުފެއްދުމަށްޓަކައި ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް މޭ 26 ވަނަ ދުވަހު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް ވަނީ ހުށަހަޅާފައިވާކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.

މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ، ފަނޑިޔާރުންގެ މުސްތަޤިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުންކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ.