ވިޔަފާރި

ކުންމިންގ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


ހަވަނަ ޗައިނާ - ސައުތު އޭޝިއާ އެކްސްޕޯ، ކުންމިންގ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިއަހަރުގެ ފެއަރގައި ރާއްޖޭގެ ރާއްޖެއިން 3 ފަރާތެއްވަނީ ބައިވެރިވެފައެވެ. ރާއްޖެއިން މި ފެއަރގައި ބައިވެރިވި ފަރާތްތަކުން ދިވެހި ސުވެނިއަރތަކާއި ދިވެހި ލުއިކާނާ ފަދަ ތަކެތި ސްޓޯލްތަކުގައި ވިއްކަން ބަހައްޓާފައިވެއެވެ.

މިއަދުން ފެށިގެން މިމަހުގެ އަށާރަވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ޑިއާންޗީ އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރގައި ކުރިއަށްދާ މިފެއަރގައި ދުނިޔޭގެ 74 ޤައުމަކުން އަށްހާސް ފަސް ސަތޭކައަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގެ، ކުންމިންގެ ސިޓީގައި އަހަރަކު އެއްފަހަރު ބާއްވާ ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ ނުވަތަ ކުންމިން ފެއަރއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ އުފެއްދުންތެރިކަމުގެ ދާއިރާ ފުޅާކުރުމާއި، އެއްތަނަކުން އެކި ޤައުމުތަކުގެ އުފެއްދުންތައް ވިއްކުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ފެއަރއެކެވެ.

މިއީ ކުންމިން ފެއަރގައި ރާއްޖެއިން ބައިވެރިވި 4ވަނަ އަހަރެވެ. މި ފެއަރގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކަށް އިކޮނޮމިކް މިނިސްޓްރީން ސްޓޯލްތައް ދޫކުރަނީ މުޅިން ހިލެއެވެ.