ޚަބަރު

އަދީބު ރާއްޖެއިން ބޭރަށް ފުރަނީ، ހުކުރު ދުވަހު


ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަލިބިވަޑައިގަތުމާއެކި، ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ޢަބްދުލްޣަފޫރު އަންނަ ހުކުރުދުވަހު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުވެވަޑައިގެން އެކޮމިޓީގެ މެމްބަރުންނަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުންނެވެ. އަދީބު ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާ މައްސަލާގައި ހޯމް މިނިސްޓަރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނަ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒުވެސް ވަނީ މިއަދު ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކޮށްފައެވެ.

މިކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ އަންނަ ހުކުރު ދުވަހު އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު މިމަހުގެ 26ވަނަ ދުވަހު އެނބުރި ވަޑައިގަތުމަށް ހަމަޖައްސާފައިވާކަމަށެވެ. މިދަތުރުފުޅުގައި އަދީބު ބޭރަށް ވަޑައިގަންނަވަނީ ފިއްލަވައިގެން ވަޑައިނުގެންނެވޭނެކަމަށާ، އަދީބާއެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ފުލުހުންގެ އޮފިސަރުން ދަތުރުކުރާނެކަމަށް ހޯމްމިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ފުރާވަޑައިގަތުމަށްޓަކައި އަދީބަށް އޭނާގެ ޕާސްޕޯޓް ދޫނުކުރާގޮތަށް ވަނީ ނިންމަވާފައެވެ. އޭނާ ފުރާވަޑައިގަންނަވާނީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ.