ޚަބަރު

ބޮޑުތިލަދުންމަތީގެ 11 ސަރަޙައްދެއް ޙިމާޔަތްކުރުމަށް ރައީސް ނިންމަވައިފި


ބޮޑުތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަޙައްދެއް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

މިތަންތަން ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޙިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފަރާއި، 1 ކަނޑޫފާ ރައްކާތެރިކުރުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުގެ ދަށުންނެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ހއ، ހދ، ށ އަދި ނ އަތޮޅު ހިމެނޭ، ބޮޑުތިލަދުންމަތިން ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދު ތަކުގެ ގޮތުގައި ހަމަޖެއްސެވުމަށް މިއަދު ނިންމެވި 11 ސަރަޙައްދަކީ ހއ. ގައްލަންދޫ ތިލަ، ހއ.ކެލާ ޗަސްބިން، ހއ.ބިލެތްދޫ ތިލަ، ހދ.ފިނޭ ތިލަ، ހދ.އިންނަފުށި، ށ.ބޮލިއްސަފަރު، ށ.ނާލާހުރާ، ނ.ފޮއްދިއްޕަރު، ނ.ބޮޑުޅައިމެންދޫ، ނ.ކެނދިކުޅުދޫ ކަނޑޫފާ، އަދި ނ.އޮރިމަސްތިލަ އެވެ.

މި ސަރަޙައްދުތައް ކަނޑައެޅުއްވުމުގައި ބައްލަވާފައިވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުންދާ، ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތައް ލިބިގެންވާ ސަރަޙައްދުތަކުގެ ލިސްޓާއި، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މަޢުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް)އާއި މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ.

މިއިން ކޮންމެ ސަރަޙައްދަކީވެސް ދިރޭތަކެތީގެ ނަސްލުން މުއްސަނދި ވެފައިވާ ޤުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ޚާއްޞަ ޚިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަޙައްދުތަކެކެވެ. މިގޮތުން ކަނޑޫފާގެ މުއްސަނދިކަމާއި، ވެލާކަހަނބު ބިސްއަޅާ ސަރަޙައްދުތަކާއި، ޙިމާޔަތްކުރެވިފައިވާ އަދި ހިޖުރަކުރާ ގިނަ އަދެއްގެ ދޫނީސޫފާސޫފީގެ ވަގުތީ އަދި ދާއިމީ މަންޒިލުތަކާއި، އެންމަޑި، ވެލާކަހަނބު، މާހުޅުނބު ލަނޑާ އަދި މިޔަރުގެ އިތުރުން މުރަކައާއި ފަރުގެ މުއްސަނދި ސަރަޙައްދުތައް ހިމެނެއެވެ.

މި ސަރަޙައްދުތައް ޙިމާޔަތް ކުރުމަށްޓަކައި އެ ސަރަޙައްދުތައް ހިމެނޭ އަތޮޅު ކައުންސިލްތަކާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ވަނީ މަޝްވަރާކުރެވިފައެވެ.

މި ސަރަޙައްދުތަކަކީ ޙިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފިކަން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު ޓީވީ، ރޭޑިޔޯ އަދި ނޫހުގެ ޒަރީޢާއިން ޢާއްމުކޮށް އިޢުލާން ކުރުމާއެކު އެސަރަޙައްދުތަކުގައި ކުރުން ހުއްދަ އަދި ކުރުން މަނާކަންކަން އިޢުލާން ކުރުމަށްވެސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޢާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް، ޚާއްޞަކޮށް އެސަރަޙައްދުތައް ބޭނުންކުރާފަރާތްތަކަށް އަމާޒުކޮށްގެން ހިންގެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.