ކުޅިވަރު

ސައުދީގައި މާޒިޔާއިން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި


ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ސައުދީ އަރަބީއްޔާގައި ތަމްރީން ހަދަމުން އަންނަ މާޒިޔާއިން އެ ޤައުމުގައި ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

ސައުދީގެ އަޒުއްރީ އެފްސީ އާއި ބައްދަލުކުރި މި މެޗު މާޒިޔާއިން ކާމިޔާބުކުރީ ދޭއް ސުމެއްގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާޒިޔާގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ، ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ނިއުރޭޑިއަންޓުން މާޒިޔާއަށް ބަދަލުވި ހަމްޒާ މުހައްމަދެވެ.

މާޒިޔާއިން ވަނީ މިމަހުގެ ފަސްވަނަ ދުވަހު ސައުދީގެ ޖެއްދާ ކުލަބާއި ބައްދަލުކުރި އެކުވެރިކަމުގެ ފުރަތަމަ މެޗުވެސް ކާމިޔާބުކޮށްފައެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާއިން ވަނީ ގިނަ ކުޅުންތެރިންތަކެއް އެޓީމަށް ގެންގޮސްފައެވެ.

މިއަހަރުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި އެޓީމު މިމަހުގެ ނަވާރަ ވަނަ ދުވަހު ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ދެކޮޅަށެވެ.

ލީގުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ބައްދަލުކުރާނީ ނިލަންދޫއާއި މިއަހަރު އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.