ތަރައްްޤީ

9 ރަށެއްގެ ފެނާއި ނަރުދަމާއާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް ބަޔަކާއި ހަވާލުކޮށްފި


9 ރަށެއްގައި ފެނާއި ނަރުދަމާއާއި ގުޅުންހުރި އެކި މަޝްރޫޢުތައް ހިންގުމަށް އަމިއްލަ 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި ހުރިހާ މަޝްރޫޢުތަކަކަށް ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 211.1 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ވަކިވަކިން ބޭއްވެވި ރަސްމިއްޔާތެއްގައި 7 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމަށާއި، 1 ރަށުގެ ފެނުގެ ނިޒާމް އަދި 1 ރަށުގެ ނަރުދަމާ ނިޒާމް ޤާއިމުކުރުމަށް ވަނީ އަމިއްލަ 3 ކުންފުންޏަކާ ވަނީ ޙަވާލުކޮށްފައެވެ.

މި 9 މަޝްރޫޢުގެ ތެރެއިން 5 މަޝްރޫޢުއެއްގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ހަވާލުކޮށްފައިވަނީ މޯހަންމުތާ އެކްސްޕޯޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުނިން މި މަޝްރޫޢުތައް ހިންގުމަށް ހަމަޖެހިފައިވަނީ ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާއެކު ޖޮއިންޓް ވެންޗަރ އުސޫލުންނެވެ.

މޯހަން މުތާ އާއި ހަވާލުކޮށްފައިވާ 5 މަޝްރޫޢަކީ:

  • ބ. ހިތާދޫ ފެނާއި ނަރުދަމާ ނިޒާމް / 35 މިލިއަން ރުފިޔާ
  • ރ. ރަސްގެތީމު ފެނާއި ނަރުދަމާ ނިޒާމް / 24 މިލިއަން ރުފިޔާ
  • ތ. ވަންދޫ ފެނާއި ނަރުދަމާ ނިޒާމް / 20.8 މިލިއަން ރުފިޔާ
  • ށ. ފޯކައިދޫ ނަރުދަމާ ނިޒާމް / 16.9 މިލިއަން ރުފިޔާ
  • ށ. ކަނޑިތީމު ފެނުގެ ނިޒާމް / 17.9 މިލިއަން ރުފިޔާ

މި 5 މަޝްރޫޢުގެ އިތުރުން ފެނާއި ނަރުދަމާއާއި ގުޅުންހުރި 3 މަޝްރޫޢެއް ހިންގުމަށް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ. އެކުންފުނިން މި 3 މަޝްރޫޢުވެސް ހިންގުމަށް ނިންމާފައިވަނީ ވޯޓަރ އިންޖިނިއަރިން ސަރވިސަސް އެފް.ޒެޑް.އީއާއެކު ޖޮއިންޓް ވެންޗަރ އުސޫލުންނެވެ.

އަޒްރޯވާ މޯލްޑިވްސްއާއި ހަވާލުކޮށްފައިވާ 3 މަޝްރޫޢަކީ:

  • ރ. ވާދޫ ފެނާއި ނަރުދަމާ ނިޒާމް / 19 މިލިއަން
  • ށ. ކޮމަންޑޫ ފެނާއި ނަރުދަމާ ނިޒާމް / 23.5 މިލިއަން ރުފިޔާ
  • ތ. ކަނޑޫދޫ ފެނާއި ނަރުދަމާ ނިޒާމް / 19 މިލިއަން ރުފިޔާ

މީގެ އިތުރުން ށ. މަރޮށީގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ސްޓޭޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޕްލޭނިންގ މިނިސްޓްރީން ވަނީ ހަވާލުކޮށްފައެވެ. އެކުންފުންޏާއި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 35 މިލިއަން ރުފިޔާއަށެވެ.

ފެނާއި ނަރުދަމާއާއި ގުޅުންހުރި މި 9 މަޝްރޫޢުއަށްވެސް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ދަޢުލަތުގެ ބަޖެޓުންކަމަށާއި، މި ހުރިހާ މަޝްރޫޢުތަކެއްވެސް ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މި މަޝްރޫޢުތަކުގެ ދަށުން، މި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމް ފަރުމާކުރުމާއި، ރަށުގައި ފެނާއި ނަރުދަމާގެ ވިޔުގާ އެޅުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން، ސީ އައުޓް ފޯލް އެޅުމާއި، އިދާރީ އޮފީސް ޤާއިމުކުރުމާއި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅުއިދިނުމަށްވެސް ހަމަޖެހިފައިވެއެވެ.