މުނިފޫހިފިލުވުން

މިނިވަން 50 ގެ "ފުނަ" ހަރަކާތައް ފ. ނިލަންދޫ ތައްޔާރުވަނީ


މިނިވަން ފަންސާސް "ފުނަ "
ހަރަކާތް ފުރަތަމަ ބާއްވާ ފ. ނިލަންދޫގައި އެންމެ ފަހުގެ ތައްޔާރީތައް ވަމުން
އެބަދެއެވެ. 

އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު
ނިލަންދޫގައި ބާއްވާ ސަގާފީ އީދަކީ ފ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ ސަގާފީ
އީދެކެވެ. 

މި އީދުގައި ނިލަންދޫގެ އިތުރުން ދެން
ބައިވެރިވަނީ ދަރަނބޫދޫ އަދި މަގޫދޫއެވެ. ފުނަ ހަރަކާތް ބާއްވާ ނިލަންދޫގެ އާސާރީ
ސަރަހައްދު ކަމުގައިވާ ފޯއްމަތި ދަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރަމުންނެވެ.
އެގޮތުން ކުރެވިފައިވާ އެންމެ ބޮޑު މަސައްކަތަކީ "ފޯއްމަތި ސަރަހައްދުގައި"
ހުރި ވެވެއް ކޮނުމުގެ މަސައްކަތެވެ. 

މީގެ އިތުރުން އެ ސަރަހައްދުގައި
"ވެޔޮ ދޮށު ގަނޑުވަރުގެ" ނަމުގައި ގެއެއް އިމާރާތްކުރުމުގެ
މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ. މި ގަނޑުވަރަކީ އިހުގެ
ކަތީބު ބޭކަލުންގެ ގެތައް ހުންނަ ގޮތް ދައްކުވައިދޭނެ ތަނެއް ކަމަށް ނިލަންދޫ
ކައުންސިލުން ބުނެއެވެ. ނިލަންދޫ ކައުންސިލްގެ ރައީސް އަހުމަދު އަލީ ވިދާޅުވީ،
އާސަރީ ސަރަހައްދާއެކު ނިލަންދޫގެ މަގުތައް ޒީނަތްތެރި ކުރުމަށް މަސައްކަތް
ކުރަމުންދާކަމަށެވެ. 











ނިލަންދޫގައި ބާއްވާ ސަގާފީ އީދަކީ
ރަގަޅު ހުށައެޅުންތަކެއް ފެނިގެންދާނެ އީދަކަށް ވާނެ ކަމަށް ފ އަތޮޅު ކައުންސިލުން
ބުނެއެވެ. އަދި ހަރަކާތް ރާވައިފަވަނީ ކޮންމެ ހަރަކާތެއްގައިވެސް މީގެ ފަންސާސް
އަހަރު ކުރީގެ ދިރިއުޅުން ދައްކުވައިދޭ ގޮތަށް ކަމަށް ފ އަތޮޅު ކައުންސިލުން
މަޢުލޫމާތުދެއެވެ.