ޚަބަރު

އަދީބު ބޭރަށް ފުރުވާލާތީ ކަމާ ގުޅޭ ދާއިރާތަކުގެ ވެރިން ކޮމެޓީއަށް ހާޒިރުކުރުން މިއަދު


ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މައްސަލާގައި ކަމާއި ގުޅޭ ދާއިރާތަކުގެ ވެރިން ރައްޔިތުން މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅޫންތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދާއި ކޮމިޝަނަރ އޮފް ކަރެކްޝަންސް އަބްދުﷲ މުނާޒާއި އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހްމަދު ހުސެއިންއެވެ. މި ބޭފުޅުން ކޮމެޓީއަށް ހާޒިރުކުރަން ނިންމީ ކޮމެޓީގެ ބައްދަލުވުމުގައި ހާޒިރުވެޑައިގެން މެމްބަރުންގެ އިއްތިފާޤުންނެވެ. ކޮމެޓީގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ.

ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަންނަވާއިރު، ފިލައިގެން ނުދެވޭނެގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލް އަޙްމަދު ނަސީމެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށައަޅުއްވަމުން މީކާޢިލް ވިދާޅުވީ، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީއާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން މަރާލިކަމަށް ތުހުމަތުކުރެވޭ މީހުން ފުރުވާލިކަމުގެ ތުހުމަތު އަދީބުގެ މައްޗަށް ކުރެވޭކަމަށެވެ. އެހެންކަމުން އަޙްމަދު އަދީބު ރާއްޖޭން ބޭރަށް ގޮސް ފިލިޔަ ނުދޭން ކަރެކްޝަނަލް ސާވިސްއިން އަޅާފައިވަނީ ކޮން ފިޔަވަޅުތަކެއްތޯ ސާފު ކުރުމަށް ކޮމިޝަނަ އޮފް ޕްރިޒަންސް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހެ ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅާކަމަށް މީކާޢިލް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ބޮޑެތި ތުހުމަތުކުރެވޭއިރު އެ ހުރިހާކަމަކުން ބަރީޢަވެ ރާއްޖެއިން ބޭރަށް މާދަމާ ފުރޭނެގޮތަށް ކަނޑައަޅާފައި ވީނަމަވެސް ކުއްލިގޮތަކަށް މިއަދުން މިއަދަށް ފުރަން ތައްޔާރުވެފައިވާ މައްސަލައަކީ މަޖިލީހުގެ ސަމާލުކަމަށް ގެންނަންޖެހޭ މައްސަލައެއްކަމަށްވެސް މީކާޢީލް ވިދާޅުވިއެވެ. އަދި އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށްވެސް މީކާޢިލް ވިދާޅުވިއެވެ.

އަޙްމަދު އަދީބަށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަދޭން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ނިންމާފައިވަނީ އިއްޔެއެވެ. ކަރެކްޝަނުން ބުނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަދިީ މެޑިކަލްބޯޑްގެ ލަފާގެ މަތިންކަމަށެވެ. ބޭސްފަރުވާއަށް ދިޔުމުގެ ހުއްދަ އަދީބަށް ދީފައިމިވަނީ އެކަމަށް އެދި އެތައް ފަހަރެއްގެ މަތިން ހުށައަޅާފައިވަނިކޮށެވެ.

އަދީބަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކަރެޝަނުން ދީފައިވަނީ މާދަމާއެވެ. އެއީ އަދީބު މިހާރު ތަންފީޒުކުރަމުންގެންދާ 15 ދުވަހުގެ ޖަލުހުކުމުގެ މުއްދަތު ހަމަވެ އޭނާ މިނިވަންވާ ދުވަސްވެސްމެއެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާއިރު ކަރެކްޝަނަލް ސަރވިސްގެ އޮފިޝަލަކާއި ފުލުހުންގެ އޮފިޝަލަކު ދާގޮތަށް ހަމަޖެހިފައިވާކަން ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވަނީ އިތުރު ގޮތެއް ނެތިގެންކަމަށްވެސް ހޯމް މިނިސްޓަރީން ވިދާޅުވެއެވެ.