ޚަބަރު

މިއަހަރުގެ ދެވަނަ ޔޫތް ލީޑާރސް ފޯރަމް މާދަމާރޭ


ޔޫތް ލީޑާރސް ނެޓްވޯކުގެ މިއަހަރުގެ ދެވަނަ ޔޫތް ލީޑާރސް ފޯރަމް މާދަމާރޭ ފަށާނެއެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ ހުޅުމާލޭ ހުރަވީ ސްކޫލުގައެވެ. ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މިފަހަރުގެ ފޯރަމްގައި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން 150 ދަރިވަރުން ބައިވެރިވާނެކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މިފަހަރުގެ ފޯރަމް އަމާޒުކޮށްފައިވަނީ "ތަހައްމަލުކުރުމުގެ ޘަޤާފަތް - މުޖުތަމަޢުގެެ ހަމަޖެހުން" މިޝިޢާރުގެ މައްޗަށެވެ. އަދި ފޯރަމްގެ ސެޝަންތައް ކުރިއަށްގެންދާނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުކަމަށާއި، މި ފޯރަމުގައި ޝިއާރާ ގުޅުންހުރި ތަފާތު 6 ދާއިރާއަކުން ތަޖުރިބާ ލިބިވަޑައިގެންތިއްބެވި ބޭފުޅުން މައުލޫމާތު ޙިއްޞާކޮށް، މަޝްވަރާކުރާނެކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. މި ފޯރަމްގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވެސް ސެޝަނެއް ކުރިއަށްގެންދަވާގޮތަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ޔޫތް ލީޑާރސް ނެޓްވޯކަކީ ޒިންމާދާރު ރައްޔިތުން ބިނާކޮށް ޤައުމީ ރޫޙާއި އެއްބައިވަންތަކަން ދިރުވަން ޔުނިވަރސިޓީތަކާއި ކޮލެޖް ދަރިވަރުން އެކުލެވޭ ކައުންސިލެއް އުފެއްދުމަށާއި، އެކައުންސިލް އެކުލަވާލެވި މަސައްކަތްކުރަމުންދަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ބެލުމުގެ ދަށުންކަމަށް 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކޮށް އުފައްދާފައިވާ ނެޓްވޯކެކެވެ.

ޔޫތް ލީޑާރސް ނެޓްވޯކުން ވަނީ މިހާތަނަށް އައްޑު އަތޮޅާއި، ފުވައްމުލަކާއި، ހދ.ކުޅުދުއްފުއްޓާއި، ލ.ގަމާއި، ދ.ކުޑަހުވަދޫއާއި، ގއ.ވިލިނގިލީގެ އިތުރުން ހއ. ހޯރަފުށީގައިވެސް ފޯރަމް ކުރިއަށްގެންގޮސްފައެވެ. މިއަހަރުގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ ފެބްރުއަރީ މަހު ހއ. ހޯރަފުށީގައެވެ.