ޚަބަރު

އަދީބު ރާއްޖެއިން ބޭރަށް ފޮނުވަން ނިންމީ އިތުރު ގޮތެއް ނެތިގެން- ހޯމް މިނިސްޓްރީ


ކުރީގެ ނާއިބް ރައީސް އަޙްމަދުއަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމީ އިތުރު ގޮތެއް ނެތިގެން ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އަދީބުގެ ބޭސްފަރުވާއާ ގުޅޭގޮތުން ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، އޭނާ ރާއްޖެއިން ބޭރަށް ފޮނުވަން ނިންމީ، ސިއްހީ ހާލަތާ ގުޅިގެން، ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ އެއްވެސް ތަނަކުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދިނުމާގުޅިގެން، ރާއްޖެއިން ބޭރުގެ ކަމާގުޅުންހުރި ސިއްހީ މާހިރުން ގެނެސްގެން ކުރެވުނު މަސައްކަތުންވެސް އިތުރުގޮތެއް ނުފެނުމުން، ކަމާގުޅުންހުރި ސިއްހީ މާހިރުންގެ ލަފާގެމަތިންކަމަށެވެ.

އަދި މިކަންތައްތަކަށް ބަލައި މެޑިކަލް ބޯޑުން، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ނިންމުމާގުޅިގެން ސަލާމަތީ ގޮތުން ހަމަޖައްސަންޖެހޭ ކަންކަން ސަރުކާރުން ހަމަޖައްސާފައިވާކަމަށްވެސް ހޯމް މިިނިސްޓްރީން ވިދާޅުވެއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބޭސްފަރުވާގެ ބޭނުމަށް އަދީބު އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން ބައިވެރިވާނެ ކަމަށެވެ.

އަދި އަދީބުގެ ސިއްޙީ ހާލަތާ ގުޅިގެން ކަށަވަރުކޮށްދޭންޖެހޭ އަސާސީ އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވިކަމުގައިވިޔަސް އެކަމުގެ ސަބަބުން އަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްނޭޅޭނެ ކަމަށާއި، އިންސާފުގެ ކުރިމަށްޗަށް އޭނާ ހާޒިރުކުރުމަށް ހުރަސްއެޅޭނެ އެއްވެސްކަމެއް ވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެކަމުގެ ޔަޤީންކަން ދޭކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

އަދީބު މާދަމާ ރާއްޖެއިން ބޭރަށް ފުރުމުމަށް ހަމަޖެހިފައިވާއިރު، އޭނާ މިހާރު ތަންފީޒްކުރަމުންގެންދާ 15 ދުވަހުގެ ޖަލުހުކުމުގެ މުއްދަތު ހަމަވެ އޭނާ މާދަމާ މިނިވަންވާނެއެވެ.

ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ނިންމާފައިވާއިރު އޭނާ ރާއްޖޭން ބޭރަށް ގޮސް ފިލިޔަ ނުދޭން ކަރެކްޝަނަލް ސާވިސްއިން އަޅާފައިވަނީ ކޮން ފިޔަވަޅުތަކެއްތޯ ސާފު ކުރުމަށް ކޮމިޝަނަ އޮފް ޕްރިޒަންސް މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހެ ކޮމިޓީއަށް ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ.