ޚަބަރު

ޓީވީ އަދި ރޭޑިއޯ ޕްރޮޑަަކްޝަނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި


  • އެމްއެމްއައިގެ މި ޕްރޮގްރާމް ކުރިއަށްދާނީ 3 ދުވަހަށް

  • 100އެއްހާ ބައިވެރިން ވަނީ ބައިވެރިވެފައި

  • އިތުރު ޕްރޮގްރާމްތަކެއްވެސް ފެށުމަށް ދަނީ ތައްޔާރުވަމުން

ޓީވީ އަދި ރޭޑިއޯ ޕްރޮޑަކްޝަނަށް ޚާއްސަކޮށްގެން ޕަބްލިކް ސަރވިސް މީޑިއާގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ. ޕީއެސްއެމްގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އިން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްތައް ނަންގަވައިދެއްވަނީ އިންޑިއާގެ ތަޖުރިބާކަރު ޕްރޮޑިއުސަރުންތަކެކެވެ.

ޓީވީ އަދި ރޭޑިއޯ ޕްރޮޑަކްޝަނަށް ޚާއްސަކޮށްގެން ޕީއެސްއެމްގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގައި 100އެއްހާ ބައިވެރިންވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ޕީއެސްއެމްގެ 80 މުވައްޒަފުންގެ އިތުރުން ބޭރުގެ 20 ބައިވެރިޔަކު ބައިވެރިވެފައިވާކަމަށް އެމްއެމްއައިއިން ފާހަގަކުރައްވައެވެ.

މި ތަމްރީން ޕްރޮގްރާމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މި ޕްރޮގްރާމްގައި ސެޝަންތައް ނަންގަވައިދެއްވާ ބޭފުޅުން ވިދާޅުވީ، މި ޕްރޮގްރާމްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ، ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތައް އުފެއްދުމުގައި ޚިޔާލުތައް ގެންގުޅެންޖެހޭގޮތާއި، ޕްރޮގްރާމްތައް އުފެއްދުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތަކުގެ މައްޗަށްކަމަށެވެ.

"މި ޕްރޮގްރާމަކީ، ޓީވީ ޕްރޮޑަކްޝަނާއި ރޭޑިއޯ ޕްރޮޑަކްޝަނަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، ޕްރޮގްރާމްތައް އުފެއްދުމުގައި އާންމުން ޝައުޤުވެރިވާނެފަދަ ގޮތަކަށް ޚިޔާލު ޖެނެރޭޓްކުރުމުގައި ގެންގުޅެންޖެހޭ އުކުޅަތައް ކިޔައިދިނުން. އާންމުކޮށް ރޭޑިއޯ އަދި ޓީވީގައިވެސް އާންމުން ޝައުޤުވެރިވާނެފަދަ ޕްރޮގްރާމްތައް ގެނެސްދިނުމަށްޓަކައި ޚިޔާލު ފާޅުކުރުން." ޕްރޮގްރާމްގައި ސެޝަން ނަންގަވައިދެއްވާ ބޭފުޅަކު ވިދާޅުވިއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޕްރޮގްރާމްގެ ބައިވެރިއަކު ބުނީ، މިފަދަ ޕްރޮގްރާމްތަކަކީ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށްވެސް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށެވެ.

"މިފަދަ ޕްރޮގްރާމެއްގެ ސަބަބުން އަޅުގަނޑުމެން ހުރިހާ ސްޓާފުނަށްވެސް އިތުރަށް ބައިވަރު މަޢުލޫމާތު ލިބިގެންދާއިރު، މި އިންޑަސްޓްރީގައި އެންމެ އެކްސްޕީރިއެންސްޑް މީހުން ޓްރެއިނިންގައި ކިޔަވާދެއްވާކަމީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ އަސްލު މުވައްޒަފުންގެ ފެންވަރު މަތިކުރުމަށާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ލިބޭ ބޮޑު ފުރިޞަތެއް." ޕްރޮގްރާމްގެ ބައިވެރިޔަކު ބުންޏެވެ.

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްއިން ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ދުވަހުގެ މުއްދަތަކަށެވެ. ކުރިއަށް އޮތްތަނުގައިވެސް މިފަދަ އިތުރު ޕްރޮގްރާމަތަކެއް ކުރިއަށްގެންދާނެކަމަށް އެމްއެމްއައިއިން ބުންޏެވެ.