ވިޔަފާރި

"ހުޅުމާލެ ލިކަމެކް ނައިޓްމާކެޓް"ގެ ސްޓޯލްތައް ދޫކުރަން ފަށައިފި


އަންނަ އޮގަސްޓުމަހު ހުޅުމާލޭގައި ބާއްވާ "ލިކަމެކް ނައިޓްމާކެޓް"ގެ ސްޓޯލްތައް ދޫކުރަން ފަށައިފިއެވެ.

އޮގަސްޓްމަހުގެ 29 ވަނަ ދުވަހުން ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ނައިޓްމާކެޓްގައި 450 ސްޓޯލް ހުންނައިރު، ކޮންމެ ސްޓޯލެއްގައި 6 މީޓަރު ހުންނާނެކަމަށް ލިކަމެކްއިން ބުނެއެވެ. ސްޓޯލެއް ހަ ހާސް ރުފިޔާއަށް ވިއްކާއިރު ނައިޓްމާކެޓްގެ ސްޓޯލްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައިވާކަމަށް ލިކަމެކްއިން ބުނެއެވެ.

ލިކަމެކްއިން މަޢުލޫމާތުދޭ ގޮތުގައި މިއަދުން ފެށިގެން ޝީ ބިލްޑިންގ އަދި ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުން މޭޒު ގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އޮގަސްޓުމަހު ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ މި ނައިޓްމާކެޓަކީ ލިކަމެކްއިން ކުރިއަށްގެންދާ ސިލްސިލާ ނައިޓްމާކެޓްތަކުގެ ތެރެއިން ނައިޓްމާކެޓެކެވެ. މިއަހަރުގެ އޭޕްރިލް މަހު އެކުންފުނިން ދަރުބާރުގޭގައި އިންޑޯރ ނައިޓްމާކެޓެއް ބޭއްވިއިރު މި މާކެޓް ވެސް ވަރަށް ކާމިޔާބުކަމަށް ލިކަމެކްއިން ބުނެއެވެ. އަދި ހުޅުމާލޭގައި މިފަހަރު ބާއްވާ މާރުކޭޓަށް ބޮޑު ތަރުޙީބެއް ލިބޭނެކަމަށް އުއްމީދުކުރާކަމަށް ވެސް ލިކަމެކްއިން ބުނެއެވެ.

ލިކަމެކްއިން ކުރިއަށްގެންދާ ސިލްސިލާ ނައިޓްމާކެޓްގެ ތެރެއިން އެކުންފުނިން ދަނީ އަތޮޅުތަކުގައި ވެސް ނައިޓް މާކެޓް ބޭއްވުމަށް ވިސްނަމުންނެވެ. އެގޮތުން ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި ވަރަށް ކައިރި މުސްތަޤްބަލެއްގައި ނައިޓްމާކެޓް ބާއްވާނެކަމަށް ލިކަމެކްއިން ބުނެއެވެ.