ޚަބަރު

އޭދަފުށީގެ މަގުތަކުގެ ޑިޒައިނަށް ބަދަލު ގެންނަނީ


އޭދަފުށީގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދާއިރު، މަގުތަކުގެ ޑިޒައިނަށް ބަދަލު ގެނައުމަށް ނިންމާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ އޭދަފުށީގެ މަގުތަކުގެ ޑިޒައިން ބަދަލުކޮށް މަގުހެދުމަށް ނިންމާފައިވަނީ މަޝްރޫއުގެ ފެންވަރު ރަނގަޅު ކުރުމުގެ މަގުސަދުގައި ކަމަށެވެ.

އޭދަފުށީގައި ހަދާ 17 މަގުގެ ޑިޒައިނަށް ގެންނަން ނިންމާފައިވާ ބަދަލުތަކުތެރޭގައި، މަގުތަކުގައި ލެޑް ބައްތި ޖެހުމާއި ފެން ހިންދުމުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ. އޭދަފުށީގެ މަގުތަކުގެ ޑިޒައިނަށް ގެންނަ މައިގަނޑު ބަދަލަކީ، ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސް ކޯސް ފަށަލައިގެ ބަދަލުގައި ހިލަ ބޭސް ކޯސް ފަށަލައަކަށް ބަދަލު ކުރުންކަމަށް އެމްޓީސީސީއިން ބުނެއެވެ.

އޭދަފުށީގެ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީއިން ވިދާޅުވެފައިވަނީ އޭދަފުއްޓަކީ ފެނާ ނަރުދަމާ އަދި މުއާސަލާތީ ޙިދުމަތް ފޯރުކޮށްދޭ ރަށަކަށްވުމުން ތާރު އެޅުމުގެކުރިން ގޭގެއަށް ފެން ނުވަތަ ނަރުދަމާ ހޮޅި ވައްދަން ޖެހިއްޖެނަމަ، އެކަން ކުރުމަށް ވެސް އެމްޓީސީސީއާ އެކު ވެވުނު އެއްބަސްވުމުގައި ހިމަނާފައިވާނެކަމަށެވެ.

އޭދަފުށީގެ އިތުރުން މަގު ހެދުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ އިތުރު ރަށްތަކުގެ މަގުތަކުގެ ޑިޒައިނަށްވެސް ބަދަލު ގެނައުމަށް ނިންމާފައިވާކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދަނީ ހދ.ހަނިމާދޫގެ 18މަގާއި، ރ.އުނގޫފާރުގެ 15މަގާއި، ބ.އޭދަފުށީ 17 މަގާއި، ބ.ދަރަވަންދޫ 12 މަގާއި، ލ.ފޮނަދޫ 12 މަގާއި، ޏ.ފުވައްމުލަކު ރިންގ ރޯޑް، އަދި ސ.ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތެވެ. އެމްޓީސީސީއިން ބުނެފައިވަނީ މިއީ މުޅިންވެސް މިއަހަރު އަލަށް ފެށި މަޝްރޫޢުތައްކަމަށެވެ.

މި މަޝްރޫއުތަކުގެ ޑިޒައިނަށް ގެންނަށްޖެހޭ ބަދަލުތައް ޕްލޭނިންގް މިނިސްޓްރީ އާ މަޝްވަރާކުރެވިގެން މިހާރު ގެންނަމުންދާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.