ސިޔާސީ

އަދީބު ރާއްޖެއިން ބޭރަށް ފޮނުވާތީ ކޮމިޝަނަރ އޮފް ޕްރިސަންސް މަޖިލީހަށް ޙާޒިރުކުރަނީ


ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަންނަވާއިރު، ފިލައިގެން ނުދެވޭނެގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށް ކޮމިޝަނަރު އޮފް ޕްރިސަންސް ޢަބްދުﷲ މުނާޒް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލް އަޙްމަދު ނަސީމެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށައަޅުއްވަމުން މީކާޢިލް ވިދާޅުވީ، އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީއާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން މަރާލިކަމަށް ތުހުމަތުކުރެވޭ މީހުން ފުރުވާލިކަމުގެ ތުހުމަތު އަދީބުގެ މައްޗަށް ކުރެވޭކަމަށެވެ. އެހެންކަމުން އަޙްމަދު އަދީބު ރާއްޖޭން ބޭރަށް ގޮސް ފިލިޔަ ނުދޭން ކަރެކްޝަނަލް ސާވިސްއިން އަޅާފައިވަނީ ކޮން ފިޔަވަޅުތަކެއްތޯ ސާފު ކުރުމަށް ކޮމިޝަނަ އޮފް ޕްރިޒަންސް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހެ ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅާކަމަށް މީކާޢިލް ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ބޮޑެތި ތުހުމަތުކުރެވޭއިރު އެ ހުރިހާކަމަކުން ބަރީޢަވެ ރާއްޖެއިން ބޭރަށް މާދަމާ ފުރޭނެގޮތަށް ކަނޑައަލާފައި ވީނަމަވެސް ކުއްލިގޮތަކަށް މިއަދުން މިއަދަށް ފުރަން ތައްޔާރުވެފައިވާ މައްސަލައަކީ މަޖިލީހުގެ ސަމާލުކަމަށް ގެންނަންޖެހޭ މައްސަލައެއްކަމަށްވެސް މީކާޢީލް ވިދާޅުވިއެވެ. އަދި އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށްވެސް މީކާޢިލް ވިދާޅުވިއެވެ.

"
އޭނާ ފުރައިފިނަމަ ދެން ރާއްޖެ ނުގެނެވޭނެ
މީކާއީލް

އަޙްމަދު އަދީބަށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަދޭން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ނިންމާފައިވަނީ އިއްޔެއެވެ. ކަރެކްޝަނުން ބުނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދަދިީ މެޑިކަލްބޯޑްގެ ލަފާގެ މަތިންކަމަށެވެ. ބޭސްފަރުވާއަށް ދިޔުމުގެ ހުއްދަ އަދީބަށް ދީފައިމިވަނީ އެކަމަށް އެދި އެތައް ފަހަރެއްގެ މަތިން ހުށައަޅާފައިވަނިކޮށެވެ.

އަދީބަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކަރެޝަނުން ދީފައިވަނީ މާދަމާއެވެ. އެއީ އަދީބު މިހާރު ތަންފީޒްކުރަމުންގެންދާ 15 ދުވަހުގެ ޖަލުހުކުމުގެ މުއްދަތު ހަމަވެ އޭނާ މިނިވަންވާ ދުވަސްވެސްމެއެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާއިރު ކަރެކްޝަނަލް ސަރވިސްގެ އޮފިޝަލަކާއި ފުލުހުންގެ އޮފިޝަލަކު ދާގޮތަށް ހަމޖެހިފައިވާކަން ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.