މުނިފޫހިފިލުވުން

"ފްރޯޒެން 2" ގެ އޮފިޝަލް ޓްރެއިލަރއިިންވެސް ހައިރާންކަން


ބޮކްސް އޮފީހުގެ ތާރީޚުގައިވެސް އުފެއްދި އެންމެ ކާމިޔާބު އެނިމޭޓެޓް ފިލްމަކީ ވޯލްޓް ޑިޒްނީގެ "ފްރޯޒެން" އެވެ.

2013 ވަނަ އަހަރު ރިލީޒްކުރި މި ފިލްމަށް 1.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަައިވާއިރު، މިއީ އެނިމޭޓެޓް ފިލްމަކަށް މިވަރުގެ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރުވެސްމެއެވެ. ފްރޯޒެންގެ ހިތްގައިމުކަމާއި ރީތިކަމުގެ ސަބަބުން މި ފިލްމުގެ ސީކުއަލްއެއް ފެނިގެންދިއުމަކީ އޭރުވެސް އެތައްބަޔަކު އެދެމުންދިޔަ އެދުމެކެވެ.

ފްރޯޒެންގެ ފޭނުންނަށް 5 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ޑިޒްނީއިން މިހާރު މިވަނީ ފްރޯޒެން އެ ކާޓޫންގެ ދެވަނަ ބައިކަމަށްވާ "ފްރޯޒެން 2" ގެ އޮފިޝަލް ޓްރެއިލަރ އާއްމުކޮށްފައެވެ. ޑިޒްނީގެ އޮފިޝަލް ޔޫޓިއުބް ޗެނަލްއިން މި ޓްރެއިލަރ އާއްމުކުރިތާ ފުރަތަމަ 6 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 2 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، ޔޫޓިއުބްގައި މިވަގުތު އެންމެ ހަލުވިކަމާއެކު ޓްރެންޑްވަމުންދާ ވީޑިއޯތަކުގެ ތެރޭގައިވެސް ފްރޯޒެން 2 ގެ ޓްރެއިލަރ ހިމެނެއެވެ.

1 މިނެޓް 53 ސިކުންތުގެ މި ޓްރެއިލަރ ފަށަނީވެސް ކާޓޫންގައި ހިމެނޭ މެއިން އެއް ކެރެކްޓަރކަމަށްވާ ކުއީން އެލްސާ އޭނާއަށް ލިބިފައިވާ އާދަޔާ ޚިލާފު ބާރުގެ އެހީގައި ބޮޑު ރާޅެއް ހުރަސްކުރަން މަސައްކަތް ކުރާ މަންޒަރުންނެވެ. ނަމަވެސް އޭނާއަށް އެކަން ކާމިޔާބުވާގޮތްނުވެ، ކަނޑުއަޑިއަށް ދަމައިގަނެއެވެ. ދެންވާގޮތް ބަލަން ބެލުންތެރިންނަށް ދޫކޮށްލާނަމަވެ.

"ފްރޯޒެން 2"ގެ އޮފިޝަލް ޓްރެއިލަރ

ބޮޑަށް ބެލެވޭގޮތުގައި "ފްރޯޒެން 2" އިން ދައްކުވައިދޭނީ އެލްސާ އޭނާއަށް ލިބިފައިވާ އާދަޔާ ޚިލާފު ބާރުގެ ހަޤީޤަތް ހޯދުމަށް އޭނާގެ ކޮއްކޮ އާނާ، ކްރިސްޓޯފް އަދި އޯލާފްއާއެކު ކުރާ ގޮތް ނޭނގޭ ދަތުރެއްކަމަށެވެ. މިފަހަރުގެ ކާޓޫނުގެ ފުރިހަމަކަން އޮފިޝަލް ޓްރެއިލަރއިންވެސް ދައްކުވައިދޭއިރު، ޑިޒްނީއިން މިދިޔަ ފެބްރުއަރީމަހު އާއްމުކުރި ފްރޯޒެން 2 ގެ އޮފިޝަލް ޓީޒަރ ޓްރެއިލަރވެސް ވަނީ ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ހޯދާފައެވެ.

ކުޑަކުދިންނަށް އަމާޒުކޮށް ނެރުނު އެނިމޭޓެޓް ފިލްމް "ފްރޯޒެން" ހުރިހާ އުމުރެއްގެ މީހުންގެ ހިތްތަކާވެސް ކުޅެލާފަައިވާއިރު، މި ކާޓޫނުން ފެނިގެންދާ މެއިން ކެރެކްޓަރތައްކަމުގައިވާ އެލްސާ، އާނާ، ކްރިސްޓޯފް އަދި އޯލާފްއަކީ މިހާރުވެސް ބެލުންތެރިންގެ ހިތްތަކުން ޖާގަހޯދާފައިވާ ކެރެކްޓަރތަކެކެވެ.

150 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު އުފެއްދި ފްރޯޒެން ވަނީ 2013 ވަނަ އަހަރު ނުކުތް ބޮޮޑެތި ފިލްމްތައްކަމަށްވާ "އަޔަން މޭން 3"، "ޑެސްޕިކަބްލް މީ 2" ގެ އިތުރުން "މޭން އޮފް ސްޓީލް" ފަދަ ފިލްމްތަކާ ވާދަކޮށް، އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމްތަކުގެ ލިސްޓުގެ އެންމެ ކުރީ ސަފުން ޖާގަ ހޯދާފައެވެ. މި ފިލްމަށް އޮސްކާ އެވޯޑް ޙަފްލާގައި ބެސްޓް އެނިމޭޓެޑް ފީޗަރގެ އެވޯޑާއި، ފިލްމްގެ ލަވަ ކަމުގައިވާ 'ލެޓް އިޓް ގޯ' އަށް ބެސްޓް އޮރިޖިނަލް ސޯންގްގެ އެވޯޑުވެސް ލިބިފައިވެއެވެ.

ފްރޯޒެންގެ ކާމިޔާބީއަށް ބަލައި، ވޯލްޓް ޑިޒްނީއިން 2015 ވަނަ އަހަރު "ފްރޯޒެން ފޮރއެވަރ" ގެ ނަމުގައި ގާތްގަނޑަކަށް 8 މިނެޓް ކުރު ފިލްމެއްވެސް ނެރެފައިވެއެވެ. މި ކާޓޫންގެ ދެވަނަ ބައި އަންނަ ނޮވެމްބަރުމަހުގެ 22 ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމާފައިވާއިރު، ފިލްމް ނެރުމަށް ހަމަޖެހިފައިވަނީ 2-ޑީ، 3-ޑީ، އަދި އައިމެކްސް- 3ޑީ ފޯމެޓުގައެވެ.

ދެން އޮތީ ފްރޯޒެންއަށް ލިބުނުފަދަ ކާމިޔާބީއެއް މި ކާޓޫނުގެ ދެވަނަ ބަޔަށް ލިބިދާނެތޯކަމާމެދު އުފެދޭ ސުވާލެވެ.