ޚަބަރު

ދިވެހިންގެ ތެރޭގައި ހައްދު ފަހަނަ އަޅާފައިވާ ވިސްނުން ގެންގުޅޭ - ނިލާމް


ދިވެހިންގެ ތެރޭގައި އަލްޤައިދާ އާއި އައިއެސް ފަދަ ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކުގެ ވިސްނުން ގެންގުޅޭ ބަޔަކު އުޅެމުންދާކަމުގެ ހެކި ފެންނަން އެބަހުރި ކަމަށް އެމްއެންޑީއެފްގެ ކުރީގެ އިންޓެލް ހެޑް ބްރިގޭޑިއަރ ޖެނަރަލް އަހުމަދު ނިލާމް ވިދާޅުވެއްޖެއެވެ.

ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމެންޓްގައިވެސް މަސައްކަތްކުރެއްވި އަހުމަދު ނިލާމް މިހެން ވިދާޅުވީ، ލަންކާގެ ކުރީގެ ރައީސް ހިންގަވާ މަހިންދްރަ ރާޖަޕަކްސަ ސެންޓަރުން ކުރިއަށްގެންދިޔަ ސިމްޕޯސިއަމްއެއްގައި ވާހަކަދައްކަވަމުންނެވެ.

"އިންޓަނޭޝަނަލް ސިމްޕޯސިއަމް އޮފް އައިސިސް: އެންޑް އިމްޕެކްޓްސް އޮން ސްރިލަންކާ"ގެ ނަމުގައި ބޭއްވި މި ސިމްޕޯސިއަމްގައި ވާހަކަދައްކަވަމުން ނިލާމް ވިދާޅުވީ 1990 ގެ އަހަރުތަކުގައި ރާއްޖޭގައި ހައްދު ފަހަނައަޅާދިއުމުގެ އަމަލުތައް ފެންނަން ފަށާފައިވާކަމަށެވެ. އެހެންނަމެވެސް، އެދުވަސްވަރު މިކަންކަމަށް އިހުމާލުވެފައިވުމުން މިއަދު ރާއްޖޭގައި މި ފަދަ އަމަލުތައް ނުރައްކާތެރި ފައްތަރަކަށް ގޮސްފައިވާކަމަށްވެސް ނިލާމް ވިދާޅުވިއެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރުތަކުގައި މިކަން ފުޅާވަމުން ދިޔަކަމުގެ ހެކިތައް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ނިލާމް ވިދާޅުވީ، ރާއްޖޭގައި އުފެދިފައިވާ އިޖުތިމާޢީ ހަމަނުޖެހުންތަކުގެ މުގުލުގައި މިފަދަ ޚިޔާލާތު ގެންގުޅޭ ފަރާތްތައް އުޅެމުންދާކަމަށެވެ. އެގޮތުން ދީނީ ފަތުވާ ދިނުމާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ސިޔާސީ ޕާޓީތަކުގެ މެދުގައިވެސް މިފަދަ ފަރާތްތަށް ހަރަކާތްތެރިވާކަމުގެ ހެކިތަށް ފެނިފައިވާކަން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމެންޓް ހިންގެވި އަދި އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ ހެޑްކަންވެސް ކުރެއްވި އަހުމަދު ނިލާމް ވިދާޅުވިއެވެ. އެގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާއި ނޫސްވެރިޔާ ރިޟުވާން ގެއްލުމާއި ބްލޮގަރ ޔާމީން ރަޝީދު މަރާލި ހާދިސާތަކާއި މިފަދަ ފަރާތްތަކާއި ގުޅުމެއް ވާކަމަށް ބެލެވޭކަމަށް ނިލާމް ވިދާޅުވިއެވެ.

"ރާއްޖޭގައި އައިއެސް އަދި އަލްޤައިދާގެ ނުފޫޒުއޮތް މިންވަރު" މި މަޢުޟޫއަށް ވާހަކަދައްކަވަމުން ނިލާމް ވަނީ މިފަދަ ކަންކަން ރާއްޖޭގައި ހިނގާ ކޮންމެ ދަނޑިވަޅެއްގައި މި ފަދަ އަމަލުތައް ސަރަހައްދުގެ އެހެނިހެން ޤައުމުތަކުން ފެންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން މިފަދަ ކަންކަން ހައްލުކުރަން ބޭނުންނަމަ ސަރަހައްދީ ޤައުމުތަށް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ނިލާމް ފާހަގަކުރެއްވިއެވެ.

މަހިންދްރަ ރާޖަޕަކްސަ ސެންޓަރުން ކުރިއަށްގެންދިއަ ސިމްޕޯސިއަމްއެއްގައި ނިލާމްގެ އިތުރުން މި ސަރަހައްދުގެ އެހެނިހެން ޤައުމުތަކުގެ ޕެނަލިސްޓުން ބައިވެރިވެވަޑައިގެން ވަނީ ވާހަކަދައްކަވާފައެވެ. މި ސިމްޕޯޒިއަމްގައި ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހައާއި، ކުރީގެ ރައީސް މަހިންދަރާޖަ ޕަކްސަވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.