ޚަބަރު

މަގު ހެދުމުގެ މަޝްރޫއުތަކުގެ ޑިޒައިނަށް ބަދަލުތައް ގެންނަނީ


މަގު ހެދުމުގެ މަޝްރޫއުތަކުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ މަގު ހެދުމުގެ ޑިޒައިނާއި މަގު ހަދަމުން އަންނަ ގޮތްތަކަށް ބަދަލުތަކެއް ގެނައީ ކުރިން ހިންގި މަގު ހެދުމުގެ މަޝްރޫއުތަކުގެ ތަޖުރިބާއަށް ބަލާ މަގުތަކުގެ ފެންވަރު ރަގަޅުކުރުމުގެ ބޭނުމުގައިކަމަށެވެ. މި ގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި މަގު ހެދުމުގައި ވެއްޔާ ސިމެންތި ބޭނުންކޮށްގެން އަޅަމުން އައި ފަށަލަތަކުގެ ބަދަލުގައި ދެން އެ ފަށަލަ އަޅާނީ ހިލަ ބޭނުންކޮށްގެންކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އޭރުން ގިނަ ދުވަސްތަކަކަށް މަގުތައް ހަލާކުނުވެ ބޭނުންކުރެވޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ސަރުކާރުވަނީ ދާދީ ފަހުން ހަތް ރަށެއްގެ މަގުތައް ހެދުމަށް 210 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެއް އެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 22.3 ކިލޯމީޓަރު މަގު ހެދުމަށް ހަމަޖެހިފައިވެއެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދަނީ ހދ.ހަނިމާދޫގެ 18މަގާއި، ރ.އުނގޫފާރުގެ 15މަގާއި، ބ.އޭދަފުށީ 17 މަގާއި، ބ.ދަރަވަންދޫ 12 މަގާއި، ލ.ފޮނަދޫ 12 މަގާއި، ޏ.ފުވައްމުލަކު ރިންގ ރޯޑް، އަދި ސ.ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތެވެ. އެމްޓީސީސީއިން ބުނެފައިވަނީ މިއީ މުޅިންވެސް މިއަހަރު އަލަށް ފެށި މަޝްރޫޢުތައްކަމަށެވެ.