ސިޔާސީ

ރައީސުލް ޖުމްހޫރިއްޔާ ޕާކިސްތާނުގެ ރައީސާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެ ކަނބަލުންގެ
ޝަރަފުގައި ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިންގެ ދެ ކަނބަލުން ރޭގަނޑުގެ
ފަރީއްކޮޅެއް އަރުވައިފިއެވެ.



ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޔާމީންގެ ދެ ކަނބަލުން ޕާކިސްތާނުގެ
ވެރިރަށް އިސްލާމްއާބާދަށް ވަޑައިގަތީ ބުދަ ދުވަހުއެވެ.



ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރުން ރައީސް ޔާމީނާއި އަނބިކަނބަލުން ފާތިމަތު
އިބްރާހީމަށް މަރުޙަބާ ވިދާޅުވީ ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިންގެ ދެ
ކަނބަލުންނެވެ.



ރައީސް ޔާމީންގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިން ދެއްވި
ފަރީއްކޮޅުގެ ކުރިން، ދެ ބޭފުޅުންވަނީ ބައްދަލުކުރައްވާފައެވެ.



މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް
ޒަމާންވީ ރަޙުމަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން
މަޝްވަރާކުރައްވާފައެވެ.



މި ގޮތުން، ދެ ޤައުމުގެ އިސް ވެރިންގެ މިފަދަ ދަތުރުފުޅުތަކުގެ
މުހިއްމުކަމުގެ މައްޗަށް މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަމްނޫން
ޙުސައިން އަލިއަޅުއްވާލެއްވިއެވެ.



އަދި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި ޘަޤާފީ ގުޅުންތައް އިތުރަށް
ބަދަހިކުރުމާއި، އިންވެސްޓްމެންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން
ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.



މީގެ އިތުރުން، ބައިނަލްއަޤްވާމީ މަޞްރަހުގައި އެއް ޤައުމުން އަނެއް ޤައުމަށް
އެއްބާރުލުން ދިނުމާއިމެދުވެސް ދެ ބޭފުޅުންގެ މަޝްވަރާތަކުގައި އަލިއަޅުއްވާލެއްވިއެވެ.




މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަމްނޫން ޙުސައިންވަނީ،
ރާއްޖެއަށް އެކި ރޮނގުތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ޕާކިސްތާނުން
ދެމިއޮންނާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.



މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީންވަނީ، އެ މަނިކުފާނާއި،
އެ މަނިކުފާނުގެ އަރިހުގައި ގެންދެވި ވަފްދުގެ ބޭފުޅުންނަށް ބޮޑުވަޒީރު ނަވާޒް
ޝަރީފާއި ޕާކިސްތާނުގެ ސަރުކާރުން ދެއްވަމުން ގެންދަވާ މެހެމާންދާރީ
ފާހަގަކުރައްވާ، މިކަމަށް ޝުކުރު އަދާކުރައްވާފައެވެ.



މި ބައްދަލުވުމުގައި ރައީސް ޔާމީންވަނީ، ޕާކިސްތާނުގެ ރައީސް މަމްނޫން
ޙުސައިންއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް އެދި
ދަޢުވަތުއަރުވާފައެވެ.



މި ބައްދަލުކުރެއްވުމަށްފަހު، މަމްނޫން ޙުސައިންވަނީ ރައީސް ޔާމީނާއިއެކު
ޕާކިސްތާނަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ވަފްދުގެ ބޭފުޅުންނާއިވެސް
ބައްދަލުކުރައްވާފައެވެ.



މި ދަތުރުފުޅުގައި ރައީސް ޔާމީނާއިއެކު ބައިވެރިވެ ވަޑައިގަންނަވާ ވަފްދުގައި
ދެން ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހާއި،
ސަރުކާރުގެ ބައެއް ވުޒާރާތަކުގެ އިސްވެރިންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ
ބައެއް މެމްބަރުންނެވެ.



 



 



 



 



 



ރައީސުލްޖުމްހޫރިއްޔާ
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ
ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިން،
ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ.



ބުދަ ދުވަހުގެ ރޭ އޮތް
މި ޖާފަތުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ރައީސް ވަކިން
ބައްދަލުކުރައްވައި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދު އޮންނަ ގުޅުން
އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.



ޕާކިސްތާނުގެ ރައީސް
މަމްނޫން ޙުސައިންވަނީ، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ
އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދުގެ ބޭފުޅުންނާވެސް
ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި، ޕާކިސްތާނުގެ ރައީސް،
ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ކުރިއަށް
އޮތްތާނގައިވެސް ރާއްޖެއިން މަތީ ފެންވަރުގެ ވަފްދުތައް ޕާކިސްތާނަށް ޒިޔާރަތް
ކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ޕަކިސްތާނުގެ
ފަރާތުން ރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާނެކަމުގެ
ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.



މިބައްދަލުކުރެއްވުމުގައި
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނުގެ ސަރުކާރުން
އެމަނިކުފާނަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް
ބެހެއްޓެވި މެހެމާންދާރީއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި، ރައީސް މަމްނޫން
ޙުސައިނަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް
ރައީސުލްޖުމްހޫރިއްޔާ ދައުވަތު އެރުވިއެވެ.



މި
ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ރޮނގުންނާއި،
އިޖްތިމާޢީ ރޮނގުންނާއި، އިންވެސްޓްމަންޓްގެ ރޮނގުން އިތުރަށް ގުޅުން
ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތަނުގެ ރައީސް
މަޝްވަރާ ކުރެއްވިއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން
އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ދެބޭފުޅުންވެސް
ފާހަގަ ކުރެއްވިއެވެ.