ކުޅިވަރު

ފާއިތުވި އަހަރަކީ ޖަރުމަނަށް ފުޓުބޯޅަ ހަޔާތުން ހަނދާން ނައްތާލަން ޖެހޭ އަހަރެއް - މާކަސް ސޯރޖް


ފާއިތުވި އަހަރަކީ ޖަރުމަނަށް ފުޓުބޯޅަ ހަޔާތުން ހަނދާން ނައްތާލަން ޖެހޭ އަހަރެއް ކަމަށާއި، މިއަހަރު ޓީމު އޮތީ ތަފާތު ދެއްކޭނެ ފެންވަރުގައި ކަމަށް ޖަރުމަނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗް މާކަސް ސޯރޖް ބުނެފިއެވެ.

2020ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި އެސްޓޯނިއާ އާއި ދެކޮޅަށް ވާދަކުރާ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން މާކަސް ސޯރޖް ބުނީ، އެސްޓޯނިއާ އާއި ދެކޮޅަށް ތިން ޕޮއިންޓް ހޯދަންޖެހޭ ކަމަށާއި، ބޭނުންވަނީ ފާއިތުވި އަހަރުގެ ބޮޑު ނާކާމިޔާބީ ހަނދާން ނައްތާލަން ކަމަށެވެ. އަދި އެކަން ކުރުމަށް ވިހާވެސް ގިނަ މެޗުތަކަކުން މޮޅުވާން ޖެހޭކަމަށްވެސް އެސިސްޓަންޓް ކޯޗް ބުންނެވެ.

އޭނާ ބުނީ ގްރޫޕް ސީގެ ފޭވަރިޓުންނަކީ އަދިވެސް ޖަރުމަނު ކަމަށާއި، އަމާޒަކީ ތިންމެޗުވެސް ކާމިޔާބުކޮށްގެން ނިންމާލުން ކަމަށެވެ.

ޖަރުމަނުގެ ސްކޮޑާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މާކަސް ސޯރޖް ބުނީ، ޖަރުމަނުގައި އޮތީ، އެކުގައި ގިނަ ދުވަސްތަކެއް ހޭދަކުރަމުން އަންނަ އެކުވެރި ސްކޮޑެއް ކަމަށާއި، އެހެން ގައުމުތަކުގެ ޓީމުތަކާ ޚިލާފަށް ހުރިހާ ކުޅުންތެރިން އެކުގައި ކުރިއަރަމުން އަންނަ ސްކޮޑެއް ކަމަށެވެ. އަދި ވޯލްޑް ކަޕުން ހިތި ގޮތަކަށް ކަޓައިގެން ދިޔަ މެޗުގެ ފަހުން ކުޅުނު ކޮންމެ މެޗަކީ އޭގެ ހެއްކެއް ކަމަށެވެ.

ޖަރުމަނު ވަނީ ކޮލިފައިންގެ ގްރޫޕް ސީގައި މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައެވެ.

ކޮލިފައިންގައި މިރޭ އެސްޓޯނިއާ އާއި ދެކޮޅަށް ޖަރުމަނު ވާދަކުރާއިރު، ޖަރުމަނަކީ ޔޫރަޕްގެ ޗެމްޕިއަންކަން މީގެ ކުރިން ތިން ފަހަރު ހޯދާފައިވާ ގައުމެކެވެ. އެސްޓޯނިއާ އަކީ މިހާތަނަށް އަދި ބޮޑު މުބަރާތަކުން ޖާގަ ލިބިފައިވާ ގައުމެއް ނޫނެވެ.

އެސްޓޯނިއާ އާއި ދެކޮޅަށް ޖަރުމަނު ކުޅޭ މެޗުގައިވެސް އެޓީމަށް އިރުޝާދުދޭނީ، ކޯޗް ލޯ އަނިޔާގައި ހުރުމާއިއެކި އެސިސްޓެންޓް ކޯޗް މާކަސް ސޯރޖްއެވެ.