ސިޔާސީ

މޭޑޭއަށް މާލެއައި ކައުންސިލަރުން ގާނޫނާ ހިލާފުވިތޯ ބަލަނީ


މޭ މަހުގެ އެއްވަނަ ދުވަހު
ބޭއްވި މުޒާހަރާގައި ބައިވެރިވެފައިވާ ކައުންސިލަރުންގެ ނަންތައް ހޯދުމަށްފަހު އެ
ފަރާތްތަކުން ގާނޫނާއި ޚިލާފަށް ކަމެއް ކޮށްފައިވޭތޯ ބެލުމުގެ މަސައްކަތް ލޯކަލް
ގަވާމަންޓް އޮތޯރިޓީން ފަށައިފިއެވެ.



އެލް ޖީ އޭއިން ބުނީ
މަގްސަދަކީ މުޒާހަރާގައި ބައިވެރިވި ކައުންސިލަރުންނާއި މެދު ފިޔަވަޅު އެޅުން
ނޫން  ކަމަށާއި، ނަމަވެސް ގާނޫނީ އިމުގެ
ބޭރުން އަމަލުކޮށްފައިވާ ފަރާތްތައް ދެނަގަނެ، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުން
ކަމަށެވެ.



މުޒާހަރާގައި ބައިވެރިވި
ކައުންސިލަރުންގެ ނަންތައް ފޮނުވުމަށް ކައުންސިލްތަކަށް އެންގުމުން، އެކަމުގެ
ސުންގަޑު އިއްޔެ ތިނެއް ޖެހުމާއި ހަމައަށް ހަމަވި އިރު އެތައް ރަށަކުން ނަންތައް
ފޮނުވާފައިވާ ކަމަށް އެލް ޖީ އޭއިން ބުނެއެވެ.



ނަމަވެސް ލިބިފައިވާ ޖުމްލަ
އަދަދުގެ ތަފްސީލެއް އެ އޮތޯރިޓީން ހަމަކޮށްފައެއް ނުވެއެވެ. އެލް ޖީ އޭގެ
ސެކްރެޓްރީ ޖެނެރަލް ޑރ އަހުމަދު ޝުކުރީ ވިދާޅުވީ، މުޒާހަރާގައި ބައިވެރި
ކައުންސިލަރުންގެ މައުލޫމާތުތައް އެއްކުރުމަށްފަހު، މައްސަލަ އުޅޭ
ކައުންސިލަރުންނާއި މެދު ފިޔަވަޅު އަޅާނީ ބޯޑުން ނިންމާގޮތުގެ މަތިންކަމަށެވެ.
މައުލޫމާތު އެއްކުރުމުގެ ޕްރޮސެސް ކުރިއަށް އޮތް ތިން ދުވަސްތެރޭ ނިންމާލެވޭނެ
ކަމަށްވެސް އެލް ޖީ އޭއިން ބުނެއެވެ.



ގާނޫނާ ޚިލާފަށް
އަމަލުކޮށްފައިވާ ކައުންސިލަރުންނާއި މެދު ފިޔަވަޅު އެޅުމަށް އެލް ޖީ އޭއިން
ނިންމާފައިވާތީ އިއްޔެ އެމްޑީޕީގެ ބައެއް ކައުންސިލަރުން ވަނީ އެކަމާއި ހިތްހަމަ
ނުޖެހުން ފާޅުކޮށް އެލް ޖީ އޭ ގެ ކުރިމަތީގައި ނޫސްކޮންފަރެންސެއް ބާއްވާއި
އެއޮތޯރިޓީއަށް ފާޑުކިޔާފައެވެ. އެމް ޑީ ޕީގެ ހަތް ކައުންސިލަރަކު މީޑިޔާތަކަށް
މައުލޫމާތު ދެމުން ބުނެފައިވަނީ މުޒާހަރާގައި ބައިވެރިވެފައިވަނީ ރައްޔިތުންގެ
އެދުމުގެ މަތިން ކަމަށާއި، ކިތައްމެ އިންޒާރެއްދިން ނަމަވެސް އަދިވެސް މުޒާހަރާތަކުގައި
ބައިވެރިވާނެ ކަމަށެއެވެ.