ޚަބަރު

އީވާ މަޖިލީހުގެ ރިޔާސަތަށް ތާރީހުގެ ތެރެއަށް


ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އަނެއްކާވެސް ތާރީހުގެ ތެރެއަށް ވެދެވަޑައިގެންފިއެވެ. އީވާ ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ބައިގަޑިއިރެއްހާއިރަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ތަރީހުގައި ނަން ލިޔެލާފައެވެ.

ރައްޔިތުން މަޖިލީހުގެ ގަލޮޅޫ އުތުރުދާއިރާ ތަމުސީލުކުރައްވާ އީވާ އަބްދުﷲ އަކީ ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމް ފުރުއްވާ ދެވަނަ އަންހެން މެމްބަރެވެ. މީގެކުރިން އެ މަޤާމް ފުރުއްވާފައިވާ އަނެއް ބޭކަނބަލަކީ އަނީސާ އަހްމަދުއެވެ. އެކަމަނާ މަޖިލީހުގެ ނާއިބު ރައީސްކަން ކުރައްވާފައިވަނީ ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރުގެ އޮގަސްޓްން 2009 މޭ މަހުގެ ނިޔަލަށެވެ.

19 ވަނަ ރައްޔިތުން މަޖިލީހުގައި ނާއިބު ރައީސްކަމުގައ މަޤާމަށް އީވާ އަބްދުﷲ އިންތިޚާބުކޮށްފައިވަނީ މަޖިލިސް ހުވާކުރުމަށްފަހު ބޭއްވި ޖަލްސާގައި ބައިވެރިވެޑއިގެންނެވި 76 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އީވާ ވަނީ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ޖެހިޖެހިގެން ތިންވަނަ ދައުރު ފަސޭހަކަމާއި އެކު ކާމިޔާބުކުރައްވާފައެވެ. އީވާ ޢަބްދުﷲ ސިޔާސީ މަސްރަޙުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ ނިޒާމް އުފެދުމާއެކު ސިޔާސީ މަސްރަޙުގައި އެންމެ ދޫހެލޭ ޝަހުއްސިއްޔަތުންގެ ތެރޭގައެވެ. ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވެވަޑައިގަންނަވާ މަދު އަންހެން ބޭފުޅުގެ ތެރެއިންވެސް އީވާ އަކީ ސިޔާސީ އެކި ރެލީތަކާއި ސިޔާސީ އެއްވުންތަކުގައިވެސް ޢާންމުން ޝަޢުުޤުވެރިކުރުވާ އެންމެ އަޑު ހަރުކޮށް ވާހަކަފުޅު ދައްކަވާ ބޭފުޅެއްވެސްމެއެވެ.

ނިމިދިޔަ އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ބަހުސްކުރި ބިލްތަކާއި ޤަރާރުތަކަށްވެސް މަޖިލީހުގައި ބަހުސްކުރައްވާ ސަރުކާރުން ހުށައަޅާ ހުށައެޅުންތަކަށް އެންމެބޮޑަށް ފާޑު ވިދާޅުވި ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔައެވެ. އަދި މަޖިލީހުގެ ޤަވާދާއި ޚިލާފަށް 18 ވަނަ މަޖިލިސް ކުރިއަށްގެންދާކަމަށް ވިދާޅުވެ އޭރުގެ އިދިކޮޅު މެންބަރުންގެ ފަރާތްޕުޅުން ރިޔާސަތަށް އަމާޒުވި ފާޑުކިއުންތަކުގައިވެސް އެންމެ އިސްކޮށް އުޅުވި ބޭފުޅުންގެ ތެރޭގައި އީވާ ފެނިގެންގޮސްފައިވެއެވެ.